ޚަބަރު

ބޮޑު ބްރޭކަކަށްފަހު ރިހާނާގެ ފުރަތަމަ ސިންގަލް ބްލެކް ޕެންތާއަށް


6 އަހަރުގެ މެދުކެނޑުމަކަށްފަހު މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާގެ ފުރަތަމަ ސިންގަލް "ބްލެކްޕެންތާ:ވަކަންޑާ ފޯއެވާ" އަށް ކިޔައިދީފިއެވެ.

"ލިފްޓް މީ އަޕް" ގެ ނަމުގައި ކިޔާފައިވާ މި ލަވަ މިހާރު ވަނީ ރިލީޒްކޮށްފައެވެ. މިކަން ކަށަވަރުކޮށްދީ ރިއާނާ އޭނާގެ ސޯޝަލް މިޑިއާގައި ޕޯސްޓެއް ހިއްސާކޮށްފައިވެއެވެ.

ރިހާނާގެ ލަވަޔަކަށް ފޭނުން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން ދާ މި ދަނޑިވަޅުގައި ނެރުނު މި ސިންގަލްއަކީ މަންމަ އަކަށްވުމަށްފަހު ރިލީޒްކުރި ރިހާނާގެ ފުރަތަމަ ލަވަ ވެސްމެއެވެ. ރިހާނާ އާއި ފިރިމީހާ އަދި އެމެރިކާގެ ރެޕާ އޭސަޕް ރޮކީއަށް ފިރިހެން ދަރިފުޅަކު ލިބިފައި ވަނީ މިދިޔަ މެއި މަހުއެވެ.


2016 ވަނަ އަހަރަށްފަހު ނެރުނު މި ލަވަޔަކީ "ބްލެކްޕެންތާ:ވަކަންޑާ ފޯއެވާ" ގެ ޓައިޓްލް ރޯލު ކުޅުނު ޗާޑް ބޯސްމަން އަށް ދޭ ޓްރިބިއުޓެކެވެ. ބޯސްމަން ވަނީ 2020 ވަނަ އަހަރު ކެންސަރު ބަލީގައި މަރުވެފައެވެ.

ނައިޖީރިއާގެ ލިޔުންތެރިޔާ އަދި ލަވަކިޔުންތެރިޔާ ލިޔެފައިވާ މި ލަވަ ޕްރޮޑިއުސްކޮށްފައި ވަނީ ލުޑްވިގް ޖޮރެންސަން އަދި ބްލެކް ޕެންތާގެ ޑައިރެކްޓަރު ރަޔަން ކޫގްލާއެވެ.

"ބްލެކް ޕެންތާ: ވެކަންޑާ ފޯއެވާ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ގަ އެވެ. މިއީ 2018 ވަނަ އަހަރ ޑައިރެކްޓަރު ރަޔަން ގެނެސްދިން ބޮޑު ހިޓް "ބްލެކް ޕެންތާ" ގެ ދެވަނަ ބައެވެ. އައު ފިލްމުން ވެސް ކުރީގެ ފިލްމުގެ މުހިއްމު ބައެއް ކާސްޓުން ފެންނާނެއެވެ. އޭގެ ތެރޭގައި ލެޓީޝިއާ ރައިޓް، ލުޕިޓާ ނިއޮންގޯ، ވިސްޓަން ޑޫކް، އެންޖެލާ ބެސޭ އަދި ޑާނިއާ ގްރީރާ ފަދަ ތަރިން ހިމެނެއެވެ.

ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން "ބްލެކް ޕެންތާ" އަކީ ބޮކްސް އޮފީހުގައި 1.348 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމަކަށްވާތީ ދެވަނަ ބަޔަކީ އަދި އެއަށް ވުރެ ކާމިޔާބު ފިލްމަކަށް ވާނެކަމުގެ އުންމީދު ވަރަށް ބޮޑެވެ.