ޚަބަރު

ރައީސްގެ ވައުދުތަކުގައި ހިމެނޭ %95 އަށްވުރެ ގިނަ ޕްރޮޖެކްޓުތައް ކުރިއަށް


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންނެވި ކަންކަމުގެ ތެރެއިން 95 އިންސައްތަ އަށްވުރެ ގިނަ މަޝްރޫއުތަކުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މަޝްރޫތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ހުރިނަމަވެސް ގިނަ މަޝްރޫތަކެއް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން ކޮވިޑް19 އާ ދުނިޔޭގެ އިގްތިސާދަށް އައި ބަދަލުތަކުގެ ސަބަބުންވެސް އެކި ކަހަލަ ދަތިތައް ދިމާވެފައިވާކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ އެ ހުރިހާ ކަމެއް ހުރިނަމަވެސް ރައީސް ވައުދުވެވަޑައިގެންނެވި މަޝްރޫޢުތަކުގެ ތެރެއިން 95 އިންސައްތަ މަޝްރޫތަކުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

"ރާއްޖޭގެ ގިނަ ރަށްތަކުގައި މި ސަރުކާރުން ރައީސް ވެފައި ހުރި ވައުދުކުގެ ގާތްގަނޑަކަށް 95އިންސައްތަ އަށް ވުރެ މަތީގެ ޕްރޮޖެކްޓްތައް އެބަ ހިނގޭ" އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ގިނަ މަޝްރޫތަކެއް ހިމަނާ ކުރިއަށްދާނެކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ ސިއްހީ ދާއިރާއިންވެސް ކުރަމުން އަންނަ މަސައްކަތްތައް ކޮންމެ ހޮސްޕިޓަލަކަށް އެކަށައަޅާ ވަކި ބަޖެޓުން ފެންނަން ހުންނާނެ ކަމަށެވެ. މިނިސްޓަރ މިހެން ވިދާޅުވި އިރު، ރައީސް އޮފީހުން ވެސް ވަނީ އަންނަ އަހަރުގެ ބަޖެޓުން ބޮޑު ބައެއް ސިއްހީ ދާއިރާއަށް ހާއްސަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގެ ތަފްސީލް ނުދެއްވިނަމަވެސް ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ސަރުކާރުން ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލުގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ހޮސްޕިޓަލްތަކުގެ ބާކީ ނުނިމިހުރި މަސައްކަތް ބަޖެޓުގައި ހިމަނާނެއެވެ.

ރައީސް ސާލިހުގެ އެންމެ ބޮޑު އެއް ވައުދުކަމަށްވާ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވީ އެކަމަށްޓަކާއޮ މި ސަރަހައްދުން ބިން ހިއްކަން ބޭނުންވާ ބަޖެޓު އަންނަ އަހަރު ހިމަނާނެ ކަމަށެވެ.

"ގުޅިފަޅު ހިއްކަން ބޭނުންވާ ފައިސާގެ ލޯނުގައި ސޮއިކޮށްފައި އެވަނީ އެހެންވީމަ އެ ފައިސާ އަޅުގަނޑުމެން ހިމަނާނަން 2023 ވަނަ އަހަރުގެ ބަޖެޓުގައި." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މާލެއަތޮޅު ގިރާވަރު ހިއްކައިގެން އެތަނުން މާލޭގެ ރައްޔިތުންނަށް 2000 ގޯތި ދޫކުރުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކޮށްފައެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގައި 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި މިހާރުވެސް ފަށައިގެން ކުރިއަށް އެބަދެއެވެ. ފްލެޓްތައް ތަރައްޤީކޮށް ދޫކުރާ ހައުސިންގ ޔުނިޓްތަކުގެ އިތުރުން، މާލޭގެ ރައްވެހިންނަށް ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގެ ތެރެއިން އަންނަ އަހަރަށް ބަޖެޓުކޮށްފައިވާ މައި ދެކަންތަކުގެ ތެރޭގައި ސިއްހީ ދާއިރާ ހިމެނެއެވެ. އަދި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވަށް ހިންގަވާ މަޝްރޫޢެއްވެސް ހިމެނެއެވެ. އަދި މިނޫނަސް މުޅި ރާއްޖޭގައި ވެސް އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ގިނަ މަޝްރޫތަކެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި އާރްޓީއެލްގެ ޚިދުމަތް ތައާރަފްކޮށް މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު އެ ޚިދުމަތް މިހާރު ވަނީ ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް އިފްތިތާހުކޮށް ޚިދުމަތްވެސް ދެމުންނެވެ.

މީގެ އިތުރަށް ރާއްޖޭގެ ހުރިހާ ރަށަކުން ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ އިރު، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން %70ރަށުގައި، ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތެއް ނެތެވެ. އޭރު ސާފު ބޯފެނުގެ ޚިދުމަތް ލިބެންހުރީ އެންމެ 34 ރަށުގައެވެ. ނަރުދަމާ ނިޒާމު ޤާއިމުކޮށްފައި އޮތީ އެންމެ 66 ރަށުގައެވެ. މި އަހަރުގެ ބަޖެޓުން ވެސް 836 މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ އެ މަސައްކަތަށެވެ.

މި ނޫނަސް ބޮޑެތި މަޝްރޫތަކުގެ ގޮތުގައި ތިލަމާލެ ބުރިޖުގެ މަޝްރޫއާއި، ބަނދަރާއި އިންޖީނުގެތަކުގެ މަސައްކަތަކީ ވެސް މި ސަރުކާރުން ވައުދުވެ ފުއްދައިދެމުން އަންނަ ކަންކަމެވެ.