ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމަށާއި، ފަނޑިޔާރުން އަމިއްލައަށް އެދިގެން ރިޓަޔާ ކުރެވޭ އުމުރަކީ 65 އަހަރުކަމުގައި ކަނޑައެޅުމަށް ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ފަނޑިޔާރުންނަށް ލިބިދޭ އިނާޔަތްތަކުގެ އޮނިގަނޑު އިސްލާޙް ކުރުމަށާއި އެނޫންވެސް ބައެއް މުހިންމު އިސްލާހުތައް ގެނައުމަށްޓަކައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ފޮނުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ.
ޤާނޫނަށް އިސްލާހު ގެނެވިގެންދާއިރު ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާކަމުގެ މަސްރޫޢޫތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން ފަނޑިޔާރުންނަށް ލިބިދެވޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިންގ އެލަވަންސް ފަނޑިޔާރުންނަށް ލިބިދެވޭ އުސޫލު އިސްލާޙްކޮށް، އެ ލިވިންގ އެލަވަންސްގެ މިންވަރު ފަނޑިޔާރުންގެ އަސާސީ މުސާރައިގެ %30 އަށްވުރެ މަދު ނުވާނެ އަދަދެއް ކަމުގައި ކަނޑައެޅުމަށްވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.
ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ތަކުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން ފަނޑިޔާރުން ކުރުން ގާނޫނު ހުއްދަކުރާ އެހެން މަސައްކަތަށް އުޖޫރަ ބަލައިގަތުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމެއް ކަމުގައިވެސް ކަޑައެޅިގެން ދާނެއެވެ.
ފަނޑިޔާރުކަށް ކުރިމަތިވާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރެއިން، މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުން ކަނޑައެޅުމުގައި އަމަލުކުރާ އުސޫލު އިސްލާޙުކޮށް މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް އެ މަގާމަށް ކުރިމަތިލެވޭ ގޮތަށްވެސް ޤާނޫނަށް އިސްލާހު ގެނެވިގެންދާނެއެވެ.
މީގެ އިތުރުން ފަނޑިޔާރުކަމުން އަމިއްލައަށް ރިޓަޔާވެވޭ އުމުރަކީ 55 އަހަރު ކަމުގައި މިހާރު އޮތްނަމަވެސް، ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުގައި ފަނޑިޔާރުކަމުން އަމިއްލައަށް އެދިގެން ވަކިވެވޭނެ އުރަކީ 65 އަހަރު ކަމުގައި ކަނޑައެޅިގެން ދާނެއެވެ.