އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް 120 މިލިޔަން ރުފިޔާގެ ބަޖެޓެއް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.
ރިޔާސީ އިންތިހާބުގެ ބަޖެޓް ކަނޑައަޅާފައިވާއިރު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އިންތިޚާބުގައި ކެންޑިޑޭޓުން ނެރެން ނިންމައި، ބައެއް ޕާޓީތަކުން މިހާރު ވަނީ އެކަން ހާމަކޮށްފައެވެ. މީގެއިތުރުން ބައެއް ޕާޓީތަކުން، ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާއި ޤައުމީ މަޖިލީސްތަކުގެ ބައްދަލުވުމަށްފަހު ކެނޑިޑޭޓުން ހާމަކުރުމަށް ނިންމައި އެމަސައްކަތް ވަނީ ފަށާފައެވެ.
އިންތިޚާބަށް ޕާޓީތަކުން ތައްޔާރު ވަމުންދާއިރު، އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާ ބަޖެޓް އެކުލަވާލުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީއާއި، ކަމާއި ގުޅުންހުރި އެހެން އިދަރާތަކާއި މަޝްވަރާކޮށް ބަޖެޓް ފައިނަލް ކުކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިޚާބަށް އިލެކްޝަނުން ލަފާކުރަނީ ރިޔާސީ އިންތިހާބަށް 120 މިލިޔަން ރުފިޔާގެ ޚަރަދެއް ހިނގާނެކަމަށެވެ. އިލެކްޝަނުން ބަޖެޓް ކަނޑައަޅާފައިވަނީ އިންތިޚާބުގައި ދެބުރު ބާއްވަން ޖެހިއްޖެ ހާލަތުގައި އެކަމަށްވެސް ބެލުމަށްފަހުއެވެ. އެގޮތުން އިންތިޚާބުގެ ފުރަތަމަ ބުރަށް 95 މިލިޔަން ރުފިޔާ އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ 25 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ބަޖެޓް މިއަދު ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެކަމަށް ހަސަން ވިދާޅުވިއެވެ.
އިންތިޚާބަށް އިލެކްޝަނުން އެންމެ ބޮޑު ޚަރަދެއް ކުރަން ޖެހެނީ ދަތުރުފަތުރަށްކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ. އެގޮތުން އަތޮޅު ތެރެއަށާއި، ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ކުރަންޖެހޭ ދަތުރުތަކަކީ ހިނގާނެ އެންމެ ބޮޑު ޚަރަދުތަކުގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.
ކޮންމެ 5 އަހަރަކުން އެއް އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި ބާއްވާ އެންމެ މުހިންމު އިންތިޚާބެވެ. އެއީ ރައްޔިތުންގެ ބަސް އިއްވައި ދައުލަތުގެ އެންމެ އިސްވެރިޔާ ހޮވުމަށް ރައްޔިތުންނަށް ފުރުސަތު ލިބޭ އިންތިޚާބެވެ.