ޚަބަރު

ހަމަނުޖެހުމުގައި ހައްޔަރުކުރި 6 މީހުންގެ ވަނަވަރު ޢާންމުކޮށްފި


ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގަ ހައްޔަރުކުރި ހަ މީހުންގެ ވަނަވަރު ޢާންމުކޮށްފިއެވެ.

ފުލުހުން ވަނީ މިމީހުންގެ ފޮޓޯއާއިއެކު މައުލޫމާތުތައް އާންމުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް ވަނީ 60 ދުވަސް ކޯޓުން ދީފައެވެ. އަދި ދެމީހެއްގެ ބަންދަށް ވަނީ 5 ދުވަސް ދީފައެވެ. އެ މީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ނަދީމާއި މުޙައްމަދު މަޢުޞޫމާއި މުޙައްމަދު ޙުސައިންގެ އިތުރުން އަމީން އަޙްމަދެވެ. ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސްއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ވަނީ ގާއިމް ކޮށްފައެވެ. މިފަދަ މައުލޫމާތުތައް https://www.police.gov.mv/helpus/casetip އަށް ޒިޔާރަތްކޮށް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.