ޚަބަރު

ސައްޙަކަން ކަށަވަރު ކުރުމަށް ހުޅުވާލި ފޯމުތަކަށް، އެއްވެސް ޝަކުވާއެއްނެތް


ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ވަންނަން ހުށަހަޅާ މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ޢާމުކުރުމަށްފަހު ފޯމުތަކުގެ ސައްޙަކަން ކަށަވަރު ކުރުމަށް ހުޅުވަލި ފޯމުތަކަށް އެއްވެސް ޝަކުވާއެއް ލިބިފައި ނުވާކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ފޯމުތަކުގެ ސައްޙަކަން ކަށަވަރު ކުރުމަށްޓަކައި މިމަހުގެ 22ވަނަ ދުވަހު ތިން ޕާޓީއަކުން ހުށަހެޅި ފޯމުތަކާމެދު ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައެވެ. އިލެކްޝަންސް ކޮމިޝަންގެ މިޑިއާ އޮފިސަރ ވިދާޅުވީ ޢާއްމުކޮށްފައިވާ ލިސްޓުގައިވަނީ 3 ޕާޓީއަކަށް ވަނުމަށް ހުށަހަޅާފައިވާ 373 މީހެއްގެ ނަންކަމަށެވެ. އެއީ ޖުމްހޫރީ ޕާޓީއަށް ވަނުމަށް ލާފައިވާ 23 މީހެއްގެ ފޯމާއި އެމްޑީއޭގެ 105 ފޯމާއި އެމްއެންޕީގެ 245 ފޯމެވެ.

މިފޯމުތަކަށް ޝަކުވާ ހުށަހެޅުމަށްޓަކައި މިއަދުގެ 15:00 އާއި ހަމައަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ޝަކުވާއެއް އެއްވެސް ބޭފުޅެއްގެ ފަރާތުން ލިޔުމަކުން ލިބިފައިނުވާކަމަށެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއަކުންވެސް މިފޯމުތަކާއި ގުޅިގެން އެއްވެސް ޝަކުވާއެއް ކޮމިޝަނަށް ހުށަހަޅާފައި ނުވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިކަން ކުރަން ނިންމީ ސިޔާސީ ޕާޓީތަކަށް ވަންނަން ހުށަހަޅާ މީހުން ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމުގެކުރިން އެމީހުން ހުށަހަޅާ ފޯމުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށްކަމަށެވެ. އިލެކްޝަނުން ފޯމުތަކުގެ ސައްޚަކަން ކަށަވަރު ކުރުމަށް ހުޅުވާލާއިރު، ޕާޓީތަކަށް އަލަށް ވަނުމަށް ހުށަހެޅި މީހުން ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދު ވަނީ އާންމުކޮށްފައެވެ. އިލެކްޝަނުން ވަނީ ޝަކުވާއެއް އޮތޯ ބެލުމަށްޓަކައި، ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިންގެފޯނަށް މެސެޖެއް ފޮނުވާފައެވެ.

އެކޮމިޝަނުން މިގޮތަށް ނިންމާފައި މިވަނީ ފަހަކަށްއައިސް ސިޔާސީ ޕާޓީތަކަށް ވަންނަން ހުށަހަޅާ މީހުންގެ ފޯމް އޮޅުވާލައި އޭނާ ވަންނަން ހުސަހެޅި ޕާޓީ ނޫން އެހެން ޕާޓީތަކަށް ބަދަލުކުރާ ކަމުގެ ތުހުމަތު ބައްފަރާތްތަކުން ކޮށްފައިވަނިކޮށެވެ.