އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ތިން ފަޅެއް ވިއްކަން އިއުލާން ކޮށްފައިވަނީ، މިފަޅުތަކާއި ގުޅޭގޮތުން ކުރާ ތަހުގީގްތަކުގެ މައުލޫމާތުތައް ހޯދައި، އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކުރުމަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އާއްމު އުސޫލުން ޓޫރިޒަމް މިނިސްޓްރީން ވަނީ މިތިން ފަޅު ވިއްކާލުމުގެ ކުރިން އިއުތިރާޒު ކުރާ ފަރާތެއް ހުރިތޯ ބަލަން އިއުލާން ކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ފާހަގަކޮށްފައިވާ ތިން ފަޅުގެ ތެރެއިން ދަރަންޏެއް އޮތްތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފައިވާ ތިން ފަޅަކީ މާލެ އަތޮޅުގައި ހިމެނޭ ތިން ފަޅެވެ. އެފަޅުތަކަކީ ސިންގަޕޫރުގެ ސަނީ ހޯލްޑިންސް އަށް މާފުށީ ކައިރިން ދޫކޮށްފައިވާ ފަޅާއި، ތުރުކީގެ ވިޔަފާރިވެރިންތަކެއް ހިމެނޭ ޑެޕެޒާ ސާވިސަސް އިން ކުއްޔަށް ނަގާފައިވާ ކ.ވާވެއްދި ފަޅާއި ދުބާއީގެ ޑެލްމާ ކުންފުނިން ކުއްޔަށް ނަގާފައިވާ ކ.ތޮޅިމަރާހުރާ ފިނޮޅާއި ފަޅެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މިތިންފަޅުވެސް ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ފަޅުތައް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްޤުތައް، އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެ ފަޅާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ އެކަން ހުށަހަޅަން 14 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑައިރެކްޓަރ މުޙައްމަދު ޚުއްސާން ވިދާޅުވީ މިތިން ފަޅު ވިއްކާލަން އިއުލާން ކޮށްފައިވަނީ ދަފައުލަތުގެ ތަހުގީގީ އިދާރާތަކާއި، ޕީޖީ އޮފީހުންވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައިކަމަށެވެ. އެގޮތުން މިތިން ފަޅާއި ގުޅޭ އެއްވެސް ތަހުގީގެއްވެސް އަދި މިތިން ފަޅާއި ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާކުރުމަށްވެސް ފޮނުވާފައި ނުވާކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ތަހުގީގީ އިދާރާތަކުން މިހާރުވެސް ދަނީ ގިނަ މައްސަލަތަކެއް ތަހުގީގް ކުރަމުންނެވެ. އޭގެ ތެރޭގައި ރިސޯޓް ހެދުމަށް އޭރު ދޫކުރި 30 އަށްވުރެ ގިނަ ފަޅުގެ މައްސަލަ ހިމެނެއެވެ. މީގެ ތެރޭގައި އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުންއޮތް 3 ބިލިޔަން ރުފިޔާގެ ޚިޔާނާތާއި ގުޅުންހުރި ފަޅުތައްވެސް ހިމެނެއެވެ.