ޚަބަރު

ނައިވާދޫގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ނައިވާދޫ ކައުންސިލުގެ މެމްބަރުން ވަނީ އެރަށުގައި ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންނާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ކައުންސިލަރުން ވަނީ އެރަށުގެ ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމާއި ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމާއި އަތޮޅުގައި އަދި ރަށާ ކައިރި ސަރަޙައްދެއްގައި ޓޫރިޒަމް ފުޅާކުރުމާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން އެރަށުގެ ސްކޫލާއި ކައުންސިލު އިދާރާ އަދި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާ ގުޅޭގޮތުންނާއި ޞިއްޙީ ޚިދުމަތް ފުޅާކޮށް އިތުރަށް ތަރައްޤީކުރުމާއި ކައުންސިލު އިދާރާއާ ޞިއްޙީ މަރުކަޒަށް އިތުރު މުވައްޒަފުން ބޭނުންވާކަމާއި ޒުވާނުންނަށް ވޮލީކޯޓެއްގެ މުހިންމުކަމާއި މި ނޫންވެސް ރަށުގެ އިޤްތިޞާދީ އިޖްތިމާޢީ ތަރައްޤީއަށް މުހިންމު ކަންކަން މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ކައުންސިލަރުންނާއި މަޝްވަރާކުރައްވައި މަޝްރޫއުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ބޭނުންވާ މިންވަރަށް އިންސާނީ ވަޞީލަތް އިތުރުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށާއި އަދި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.