ޚަބަރު

ދޮންފަނު ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ހަނިފަރު ހަމަޖައްސަވައިދެއްވުމަށް އެދިއްޖެ


ދޮންފަނު ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ހަނިފަރު ހަމަޖެއްސަވައި ދެއްވުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އަރިހުން އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބ. އަތޮޅު ދޮންފަނު ކައުންސިލަރުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެރަށު ކައުންސިލުން ވަނީ ހުރި ކަންބޮޑުވުންތައް ރައީސާއި، ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ. އެގޮތުން ކައުންސިލަރުން ވަނީ ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ރަށުން އިތުރު ގޯތިދޫކުރުމާއި ވޭސްޓްމެނޭޖްމަންޓް ސެންޓަރު ބޭނުންކުރުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި ކައުންސިލް އިދާރާއާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޖާގައިގެ ދަތިކަމާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަމާއި އަދި ޒުވާނުންނަށް ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރަށުގެ ރައްޔިތުން ޕިކްނިކް ގޮސް ހަދާނެ ރަށެއްގެ ގޮތުގައި ހަނިފަރު ހަމަޖެއްސުމާއި ގުޅޭގޮތުންނާއި އަދި ރަށުގެ ތަރައްޤީއަށް މުހިންމު އިތުރު ކަންކަމާއި ގުޅޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދޮންފަނުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ކައުންސިލަރުންނާއި މަޝްވަރާކުރައްވައި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.