އަވަށްޓެރި އިންޑިއާއާއި ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންވައިގެން އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ވަކި ބައެއްގެ ސިޔާސީ، އަދި މާލީ މަންފާއަކަށް ހިންގާ ހަރަކާތެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ހިންގަމުންދާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވައި، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލުގެ ރައްކާތެރިކަން ދެެމެހެއްޓުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާކަން ދިވެހި ތާރީހުންވެސް ހެކިދޭކަމަށެވެ.
އީވާ ވިދާޅުވީ ރާއްޖެއަށް ދިމާވި ބޮޑެތި ހާދިސާތަކުގައާއި، އެންމެ ދަތި ދުވަސްތަކުގައިވެސް އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމަކީ އިންޑިއާކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ޕީޕީއެމްގެ މެމްބަރުންނަށްވެސް ވަރަށް ބޮޑަށް އޮޅުވާލައިގެން އަމިއްލަ މާލީ އަދި ސިޔާސީ މަންފާއަށް ހިންގަމުންދާ ހަރަކާތެއްކަމަށް އީވާ ވިދާޅުވިއެވެ. މީގެއިތުރުން މިހަރަކާތަކީ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ސަލާމަތީ ބާރުތަކުން ބުނެފައިވާއިރު މިކަން ހުއްޓުވަންޖެހޭކަމަށް އީވާ ވިދާޅުވިއެވެ.
"މިއީ ޤައުމީ ސަލާމަތަށް އޮތް ނުރައްޖަލެއްކަން ފުލުހުންނާއި، ސިފައިން ބުނެފި، މިކަން ސަރުކާރަށް ހުއްޓަންޖެހޭ. ރާއްޖެއަށް ހުރިހާ ގޮތަކުންވެސް އެންމެ ބޮޑަށް އެހީތެރިވަނީ އިންޑިއާއިން. އެންމެފަހުން މިފެނިގެންދިޔަ ކޯވިޑް ހާލަތުގައިވެސް އެންމެ ބޮޑު އެހީތެރިކަމެއްދިނީ އިންޑިއާއިން." އީވާ ވިދާޅުވިއެވެ.
މިމައްސަލާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ، ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ގާތް ގުޅުމާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ރައްކަލަށްޓަކައިވެސް މިހަރަކާތް ހުއްޓުވުމަށް ގޮވާލާފައެވެ. އަދި މިއީ ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލަކަށްވާއިރު މިކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވާހަކަ ދެއްކެވި މެމްބަރުން ވަނީ ގޮވާލާފައެވެ.
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ އައުޓް"ކެމްޕޭނުގެ ސަބަބުން ޤައުމުގެ ދާޚިލީ ސަލާމަތަށް ނުރަނގަޅު އަސަރު ފޯރުން ބޮޑުކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވެސް ވަނީ މީގެކުރިން މަޖިލީހުގެ 241 ކޮމިޓީގައި ވިދާޅުވެފައެވެ. ސިޕީ ހަމީދު ވިދާޅުވެފައި ވަނީ "އިންޑިއާ އައުޓް" ހަރަކާތުން ރައްޔިތުންގެ ރައްކާތެރިކަމުގެ އިތުރަށް ޤައުމުގެ ދާޚިލީ ސަލާމަތަށްވެސް ނުރައްކާ އެބައޮތްކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ ހުކުރު ދުވަހުވެސް އިންޑިއާ އައުޓް ހަރަކާތުގެ ނަމުގައި ބޮޑު ހަރަކާތެއް މާލޭގައި ބޭއްވުމަށް ނިންމާފައެވެ. ނަމަވެސް ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދާ ޚިލާފަށް ހިންގޭ އެއްވެސް ހަރަކާތަކަށް ދިވެހި ފުލުހުން ޖާގަ ނުދޭނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.