ޚަބަރު

ޅ.ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ


ޑިޒައިން އެންޑް ބިޑް އުސޫލުން ޅ.ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރިއަށްގެންދާ މިމަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

ކުރެންދޫއަށް ދިމާވެފައިއޮތް ބޯހިޔާވަހިކަމުގެ މި މައްސަލަ ހައްލުކޮށްދިނުމަކީ ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިޙްގެ ވައުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ޅ އަތޮޅަށް މިދިޔަ ފެބްރުއަރީމަހު ކުރެއްވި ދަތުރުފުޅުގެތެރެއިން ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރެވުމަށް "ޖަޒީރާ ހޮޅުއަށީގެ ނަމުގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އޭގެ މަސްދުވަސް ފަހުން މިކަމަށް މަސައްކަތް ފެށުމުން ރައްޔިތުން ސަރުކާރަށްކުރާ އިތުބާރު ބޮޑުވެގެން ދިޔަކަމަށްވެސް ކައުންސިލްގެ ނާއިބު ރައީސް ވިދާޅުވިއެވެ.

ކުރެންދޫގައި މި 50 ހައުސިން ޔުނިޓްތައް އަޅާނީ ރަށުގެ އިރުމަތީ ފަރާތުގައެވެ. 2000 ވުރެ ބޮޑު އާބާދީއެއް އޮންނަ ކުރެންދޫގައި މިހާރު ހުރި ގޭބިސީގެ އަދަދަކީ 540 އެވެ. ބޯހިޔާވަހިކަން ބޭނުންވާ އާއިލާތައް ދެނެގަތުމަށް ކައުންސިލުން ސާވޭއެއް ކުރަމުންދާކަމަށާ، މިހާތަނަށް އައިއިރު 300 ވުރެ ގިނަ އާއިލާއަށް ބޯހިޔާވަހިކަން ބޭނުންވާކަން ސާވޭއިން ދައްކާ ކަމަށް އެރަށު ކައުންސިލްގެ ނާއިބު ރައީސް މުފީދު ވިދާޅުވިއެވެ. އަދި ބައެއް ގެތަކުގައި ތިން އާއިލާއަށްވުރެ ގިނައިންވެސް މީހުން ދިރިއުޅެމުންދާކަން ފާހަގަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ކުރެންދޫގައި އެޅުމަށް ނިންމާފައިވާ 50 ހައުސިން ޔުނިޓްގެ ބީލަމުގައި ބައިވެރިވެވޭނީ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށާ، މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެކަމަށެވެ.
އަދި މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 255,000ރ (ދެލައްކަ ފަންސާސް ފަސްހާސް ރުފިޔާ) ނުވަތަ އެޢަދަދާއި އެއްވަރު ޢަދަދެއްގެ ޔޫ.އެސް.ޑޮލަރުން ހުށަހަޅަން ޖެހޭނެކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ. މިބީލަން ހުޅުވުން އޮންނާނީ 13 އެޕްރީލް 2022 ވާ ބުދަދުވަހުގެ 13:00 ގައެވެ.

ކުރެންދޫއަށް ދިމާވެފައިއޮތް ރައްގިރުމުގެ މައްސަލައާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދުމަށް ސަރުކާރުން މަސަކަތް ފަށާފައިވާއިރު ފެނާ ނަރުދަމާގެ މަސައްކަތްވެސް އެރަށުގައި އަންނަނީ ކުރަމުންނެވެ.