މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްގެ މައްޗަށް އުފުލި ރިޝްވަތުގެ ދަޢުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ކަނޑައަޅައި މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި މިނިސްޓަރ މަޚްލޫފުގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24ގައެވެ. މަޚްލޫފްގެ މައްޗަށް އުފުލާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.
މިނިސްޓަރ މަޚްލޫފްގެ މައްޗަށް އުފުލި ރިޝްވަތުގެ ދަޢުވާ ކްރިމިނަލް ބޭރުކޮށްލީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫންކަމަށް ކަނޑައެޅުމަށްފަހުއެވެ. ދައުލަތުން މި މައްސަލާގައި ހުށައެޅި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ނެތް ހެކިތަކެއް ކަމަށްވެސް ކްރިމިނަލްކޯޓުންވަނީ ކަނޑައަޅާފައެވެ. މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވީ، ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކަކީ އެ ހެކިތައް ދޭންޖެހޭ އެންމެ މަތީ ބުރަދަން ދިން ނަމަވެސް އެ ހެކިތަކުގެ ސަބަބުން މައްސަލަ ސާބިތުކުރެވިދާނޭ ފަދަ ހެކިތަކަކަށް ނުވާކަމަށެވެ.
ދަށު ކޯޓްގެ ނިންމުން ހައިކޯޓްގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ. އެ މައްސަލަ ނިންމާ ހައިކޯޓުން އިއްވި ހުކުމުގައިވަނީ މައްސަލަ ނުބެލޭނެކަމަށް ދަށުކޯޓުން ނިންމާފައިވަނީ ގޯސްކޮށްކަމަށެވެ. އަދި މަހްލޫފާއި ދެކޮޅަށް ދައުލަތުން ހުށައަޅާފައިވާ މުހިއްމު ހެކިތަކަށް އެއްވެސް ވަރަކަށް ކްރިމިނަލްކޯޓުން ރިއާޔަތްކޮށްފައި ނުވާކަމަށްވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ. އެހެންކަމުން މި މައްސަލަގައި ދަށުކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކޮށް އަލުން އެ މައްސަލަ ބެލުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.
މަޚްލޫފުގެ މައްޗަށް ދަޢުވާކޮށްފައިވަނީ، އޭނާ ރައްޔިތުން މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ވަކި ގޮތަކަށް ވޯޓްދިނުމަށް 33،000 (ތެއްތިރީސް ހާސް ) ޑޮލަރު ރިޝްވަތުގެ ގޮތުގައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ އަތުން ނެންގެވިކަމުގެ ތުހުމަތުގައެވެ. މި ފައިސާ މަޚްލޫފު ނަގާފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމަށްކަމަށް ދައުލަތުގެ ދައުވާގައި ވަނީ ބުނެފައެވެ.
މިނިސްޓަރ މަޚުލޫފު ގެންދަވަނީ މި ތުހުމަތުތަކަށް އިންކާރުކުރައްވަމުންނެވެ. އޭނާ ވިދާޅުވީ ފައިސާ ލިބުނު މުޢާމަލާތަކީ ޑޮލަރު ގަތުމުގެ ސައްޙަ މުއާމަލާތެއް ކަމަށް ވިދާޅުވެފައެވެ.