މުނިފޫހިފިލުވުން

"އާރްއާރްއާރް" ވެސް ނެޓްފްލިކްސް އަށް


މިދިޔަ މަހު 25 ވަނަ ދުވަހު ރިލީޒްކުރި "ގަންގޫބާއީކާތިއާވާޅީ" ގެ ބޮޑު ކާމިޔާބީއާއިއެކު އަހަރު ފަށައިގަތީވެސް ރަގަޅު ފެށުމަކުންނެވެ.

"ގަންގޫބާއީ" އަށް ފަހު އެންމެންގެ ލޯތައް މިހާރު އަމާޒުވެފައިވަނީ ބްލޮކްބާސްޓަރ ޑައިރެކްޓަރ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އަށެވެ. ހިންދީ ސިނަމާއަށް މިއަހަރު އަންނާނެ އެންމެ ބޮޑު ފިލްމު ކަމަށް ބެލެވޭ މި ފިލްމު ރިލީޒްކުރަން މިހާރު ރާވާފައި އޮތީ މިމަހުގެ 25 އަށެވެ. މިއާއިއެކު ގިނަ އެހެން ފިލްމުތަކެކޭ އެއްގޮތަށް މި ފިލްމުވެސް ޑިޖިޓަލް ކުރާނެއެވެ.

ފިލްމު ސިނަމާތަކަށް ވައްދާތާ 75 ދުވަހާއި 90 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި މީތި ނެޓްފްލިކްސް އިން ސްޓްރީމް ކުރޭވޭނެ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

ހިޓް ފިލްމު "ބަހޫބާލީ" ވެސް ގެނެސްދިން ރާޖަމޯލީ މި ފިލްމު ހަދަން ގާތްގަޑަކަށް 400 ކްރޯޑް ރުޕީސް ޚަރަދުކޮށްފައިވެއެވެ.

2018 ވަނަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި މި ފިލްމުގެ ލީޑް އެކްޓަރުންނަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ޒުވާން ދެ އެކްޓަރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. މި ދެ ތަރިންގެ އިތުރުން "އާރްއާރްއާރް" ކާސްޓްގައި ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އާލިއާ ބަޓާއި އަޖޭ ދޭވްގަން ވެސް ހިމެނެ އެވެ.

އިންޑިއާގައި ވާހަކަ ދައްކާ އުޅޭ ފަސް ބަހަކުން މި ފިލްމު ގެނެސްދޭނެއެވެ. އެއީ ހިންދީ، ތެލެގޫ، ތަމަޅަ، މަލަޔާޅަމް އަދި ކަންނާޑާ އެވެ.

"ބާހޫބާލީ"އާ އެއްވަރަށް މި ފިލްމުވެސް ބޮކްސް އޮފީހުގައި ރެކޯޑްތަކެއް ހަދާނެ ކަމަށް މިހާރުވަނީ ބެލެވިފައެވެ.

"އާރްއާރްއާރް" އަކީ 1920 ގައި ހިނގާފައިވާ ކަމަށް ދައްކާ ހިޔާލީ ހަނގުރާމައަކަށް ބިނާކޮށް ގެނެސްދޭ ޕީރިއަޑް އެކްޝަން ޑްރާމާ ފިލްމެކެވެ. މީގެ މިއުޒިކް ހަދާފައި ވަނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އެމްއެމް ކީރަވާނީ އެވެ.