ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއި ދެމެދު އޮތް ގުޅުން އިޤްތިޞާދީ ދާއިރާއިން އައު ހަރުފަތަކަށް ގެނެވިފައިވާ ކަމަށް ސައުދި އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ޤަހްތާނީ ވިދާޅުވެއްޖެއެވެ.
ސަފީރު މިފަދައިން ވިދާޅުވީ ސައޫދި އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެއެވެ.
ސައުދި އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ޤަހްތާނީ ވިދާޅުވީ ސައުދި އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމުން ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދު އޮތް ގާތް އެކުވެރި އަޚުވަންތަ ގުޅުން ކަމަށެވެ. އަދި ދެ ޤައުމުގެ އެންމެ މަތީ ފަންތީގައި އޮތް ޒަމާންވީ ބަދަހި ގުޅުމަށް ދެ ޤައުމުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމަށެވެ.
ސަފީރު ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އަލް ސަޢޫދުގެ ހިކުމަތްތެރި ލީޑަރޝިޕްގެ ދަށުން، ސައުދީ އަރަބިއްޔާ ދަނީ ތަރައްޤީގެ އައު އުސްމިންތަކަކަށް ދަތުރުކުރަމުންކަމަށެވެ. "ސައުދީ ވިޝަން 2030" ގެ ދަށުން، އެ ރަސްކަމުން ދަނީ ސިންދަފާތު ކުރެވިފައިވާ، ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކޮށް، އައު ފުރުޞަތުތައް ފަހިކޮށް، އިންވެސްޓްކޮށް، ދުނިޔޭގެ ޤައުމުތަކާއެކު އޮންނަ ބައިވެރިވުން ފުޅާކުރަމުންކަމަށެވެ.
ސައުދީ އަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތީ ޒަމާންވީ ރަޙްމަތްތެރިކަމާއި، އިތުބާރާއި، ޞުލްޙަވެރިކަމާއި ތަރައްޤީއަށް ދެ ޤައުމުން ދޭ އަހައްމިޔަތުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށް ސަފީރު ވިދާޅުވިއެވެ. ފާއިތުވީ އަހަރުތަކުގައި މި ގުޅުން ވަނީ ސިޔާސީ މަޝްވަރާތަކާއި، މަތީ ފަންތީގެ ދަތުރުތަކާއި، އިސްލާމީ އެއްބާރުލުމާއި، ތަރައްޤީގެ އެހީތެރިކަމުގެ ތެރެއިން އިތުރުަށް ބަދަހިވެފައިކަމަށް ޔަހްޔާ ވިދާޅުވިއެވެ.
2025 ވަނަ އަހަރުގެ ޖޫން މަހު، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އަލް ސަޢޫދާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސައުދީ އަރަބިއްޔާގައި ބޭއްވެވި ބައްދަލުކުރެއްވުމަކީ، ދޭދޭ ގުޅުން ވަރުގަދަކޮށް އެއްބާރުލުން އިތުރުކުރުމަށް ދެ ޤައުމުގެ ލީޑަރޝިޕުން ދެއްވާ އަހައްމިއްޔަތު ހާމަވެގެންދިޔަ ކަމެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.
ސައުދީ އަރަބިއްޔާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ޒަމާންވީ އަދި އިތުބާރުހުރި ބައިވެރިއެއްކަމަށާއި "ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް" މެދުވެރިކޮށް ދިވެހިރާއްޖެއާއެކު އޮންނަ ތަރައްޤީގެ ބައިވެރިވުން ފެށިފައިވަނީ 1978 ވަނަ އަހަރުއެވެ. އޭގެ ފަހުން، ސައުދީ ފަންޑުން ވަނީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކަކަށް އެހީތެރިކަން ފޯރުކޮށްދީފައިކަމަށާއި މިގޮތުން ޖުމްލަ 488 މިލިޔަން އެމެރިކާ ޑޮލަރާ ގާތްކުރާ އަދަދަކަށް ފައިނޭންސް ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭގައި ދަތުރުފަތުރާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، މަސްވެރިކަމާއި އުމްރާނީ ތަރައްޤީގެ މުހިންމު ދާއިރާތައް ހިމެނެއެވެ.
ސަފީރު ވިދާޅުވީ ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މި ގުޅުން އިތުރަށް ވަރުގަދަކުރަން ޖެހޭކަމަށެވެ. އެގޮތުން އެއްބާރުލުން މިހާރު މިވަނީ އިންވެސްޓްމަންޓާއި އިޤްތިޞާދީ ދާއިރާއިން އައު އުއްމީދީ ހަރުފަތަކަށް ދެވިފައިކަމަށެވެ. ދާދިފަހުން ސައުދީ އިންވެސްޓަރުންގެ ވަފުދެއް ރާއްޖެއަށް ކުރެއްވި ދަތުރަކީ އައު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ލިބުނު މުހިންމު ފުރުޞަތެއްކަމަށް ފާހަގަކުރެއްވިއެވެ. މި ވަފުދުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި، ވަޒީރުންގެ ކޮމިޓީއާއި، ރާއްޖޭގެ އަމިއްލަ ސެކްޓަރުގެ މަންދޫބުންނާ މަޝްވަރާކުރައްވާފައެވެ. "މޯލްޑިވްސް-ސައުދީ އިންވެސްޓްމަންޓް ފޯރަމް" އިން ހާމަވެގެންދިޔައީ، ލިބެން ހުރި ފުރުޞަތުތައް ބޭނުންތެރި އިންވެސްޓްމަންޓްތަކަކަށް ބަދަލުކުރުމަށް ދެ ފަރާތުން އޮތް ބޮޑު ޝައުޤުވެރިކަމެއް އޮތްކަންކަމަށް ވިދާޅުވިއެވެ.
"ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އިއާދަކުރަނިވި ހަކަތައާއި، ޓެކްނޮލޮޖީއާއި، އުމްރާނީ ތަރައްޤީ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާތަކުން ސައުދީގެ އިންވެސްޓްމަންޓްތައް އިތުރުވެ، ވިޔަފާރީގެ ބަދަހި ގުޅުންތަކެއް އުފެދިގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަން. މި ފުރުޞަތުތަކަކީ "ސައުދީ ވިޜަން 2030" އާއި ދިވެހިރާއްޖޭގެ ތަރައްޤީގެ އިސްކަންދޭ ދާއިރާތަކެއް" ސައުދި އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ޤަހްތާނީ ވިދާޅުވިއެވެ.
ސައުދި އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ޤަހްތާނީ ވިދާޅުވީ ދިފާޢީ އަދި އިސްލާމީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވަމުންދާ ކަމަށެވެ. ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، ޚާއްޞަކޮށް "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެއިން ބައިވެރިވާތީ އެކަން ފާހަގަކުރާކަމަށް ވިދާޅުވިއެވެ. މިއީ ކަނޑުގެ މަގުތައް ހިމާޔަތްކުރުމަށާއި، ބައިނަލްއަޤްވާމީ ވިޔަފާރީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ޤައުމުން ކުރާ މަސައްކަތުގެ ހެއްކެއްކަމަށެވެ. އަދި ސައުދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން" ގައި ރާއްޖެއިން ބައިވެރިވެ ދޭ އެއްބާރުލުން ވަނީ ފާހަގަކޮށްފައެވެ.
ސައުދީ އަރަބިއްޔާއާއި ދިވެހިރާއްޖެއިން މި ސަރަޙައްދުގެ އަދި މުޅި ދުނިޔޭގެ ޞުލްޙައާއި ސަލާމަތަށްޓަކައި ގުޅިގެން މަސައްކަތްކުރުން ކުރިއަށް ގެންދާނެކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ލީޑަރޝިޕްގެ އިރުޝާދުގެ ދަށުން، ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން އިތުރު އުސްމިންތަކަކަށް ދާނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް ސައުދި އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ޤަހްތާނީ ވިދާޅުވިއެވެ.