"އާޝިގީ 2" ގެ ތަރި އަދިތްޔާ ރޯއި ކަޕޫރުގެ "އޯމް: ދަ ބެޓްލް ވިތް އިން" އަކީ އިއުލާނު ކުރީއްސުރެ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ފިލްމެކެވެ.
2020 ވަނަ އަހަރު ޑިސެމްބަރު މަހު މި ފިލްމުގެ ޝޫޓިންތައް ފެށި ނަމަވެސް ކޯވިޑާއި ހެދި ހުއްޓުމަކަށް އައިސް އޮތުމަށްފަހު އަނެއްކާވެސް ފިލްމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު އެވެ.
އޭގެފަހުން އިއްޔެ އަދިތްޔާ ވަނީ ފިލްމުގެ ޕޯސްޓަރެއް އެނާގެ އިންސްޓަގްރާމުގައި ހިއްސާކޮށް ފިލްމު ރިލީޒްކުރާނެ ތާރީހުވެސް އިއުލާންކޮށްފައެވެ. މިހާރު ރޭވިފައިވާގޮތުން މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޖުލައިމަހުގެ ފުރަތަމަ ދުވަހުއެވެ.
އަދިތްޔާ އާއެކު މިފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ 2017 ގައި ދެއްކި "ހިންދީ މީޑިއަމް" ގައި ސަޕޯޓިން ރޯލުން ފެނިގެންދިޔަ އަދި ޝުޝާންގެ އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ"ގެ ލީޑްރޯލުން ފެނިގެންދިޔަ ބަތަލާ ސަންޖަނާ ސަންގީ އެވެ.
ކަޕިލް ވަރުމާ ޑައިރެކްޓްކުރާ "އޯމް:ދަ ބެޓްލް ވިތް އިން" ގައި މީގެކުރިން އަދިތްޔާގެ ފަރާތުން ނުފެންނަ ވަރުގަދަ އެކްޝަން ސީންތަކެއް ފެންނާނެކަމަށްވެއެވެ. އަދި ސީންތަކަށް ތައްޔާރުވުމުގެ ގޮތުން އަދިތްޔާ ވަނީ ޖިމް ޓެރެއިނިންތަކެއްވެސް ނިންމާފައެވެ.
ޑަބަލް ރޯލަކުން ފުރަތަމަ ފަހަރަށް އަދިތްޔާ ފެންނަ ފިލްމު "ތަޑަމް" އަކީ އޭނާގެ ކުރިއަށް އޮތް ފިލްމެވެ. ދާދިފަހުން އިއުލާނުކުރި މި ފިލްމަކީ ތަމަޅަ ފިލްމު "ތަޑަމް" ގެ ހިންދީ ރީމޭކެވެ.
އަދިތްޔާ އެންމެ ފަހުގެ ފިލްމުތައްކަމަށްވާ "ލޫޑޯ" އަދި "ސަޑަކް" ރިލީޒްކޮށްފައިވަނީ ޑިޖިޓަލް ޕްލެޓް ފޯމްތަކުގައެވެ. މޯހިތް ސޫރީގެ "މަލަންގް" އަކީ އޭނާގެ އެންމެ ފަހުގެ ތިއޭޓްރިކަލް ފިލްމެވެ.
އަދިތްޔާ ރޯއި ކަޕޫރަކީ ޕްރޮޑިއުސަރ ސިދާތް ރޯއީ ކަޕޫރު އަދި އެކްޓަރ ކުނާލު ރޯއި ކަޕޫރުގެ ކޮއްކޮއެވެ.