ކުޅިވަރު

ބ.ތުޅާދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ނިންމާލައިފި


ބ.އަތޮޅު ތުޅާދޫގައި ސަރުކާރުން ހަދާ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ނިންމާލައިފިއެވެ. ދަނޑުގެ ސަބްބޭސް މަސައްކަތްކުރި އާރުޑީސީ އާ ހަވާލާދީ އެރަށު ކައުންސިލްގެ ނާއިބު ރައީސް ވިދާޅުވީ ދަނޑުގެ ވެލިގަނޑު އެއްވަރުކޮށް ކާނު އަތުރާ ނިމިފައިވާކަމަށެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާ މި ދަނޑުގައި ޓާފް އެޅުމަށް މިހާރު ބަޔަކާ ހަވާލުކޮށް ދަނޑުގެ ވަށައިގެން ފެންސްޖެހުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް ތައްޔާރުވަމުންދާކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.

އެރަށު ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު މަނިކް ވިދާޅުވީ ބޮޑު ދަނދުގެ އިތުރުން އާރުޑީސީގެ އެހީތެރިކަމާއެކު ސަރުކާރުން އެރަށުގައި ޤާއިމްކޮށްފައި އޮތް ފުޓްސަލް ދަނޑުގެ މަސައްކަތްތައް ވެސް ނިންމާ ހުޅުވުމަށް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން އެދަނޑުގައި ކުރިން އަޅާފައި އޮތް ކޮންކްރީޓް ސަބްބޭސް ނަގާ ވެލި އަޅާ އެއްވަރުކޮށް ޓާފް އަޅާފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ތުޅާދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތް އާރްޑީސީ އާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 28ވަނަ ދުވަހުއެވެ. އެ މަޝްރޫއު އާރްޑީސީއާ ހަވާލު ކޮށްފައި ވަނީ 2.2 މިލިއަން ރުފިޔާއަށެވެ. މި ދަނޑުގެ އިތުރުން އެއަތޮޅު ދަރަވަންދޫ އާ ކެންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތްވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ.