ތިލަމާލެ ބުރިޖު ބެލެހެއްޓުމާއި މަރާމާތުކުުރުމަށް ދިވެހިން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމަކަށް ބިނާރާ ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ޓީމެއް ޗައިނާއަށް ފުރުމަށް ހަމަޖެއްހިއްޖެއެވެ.
ސިނަމާލެ ބުރިޖުގެ އެސެސްމަންޓް ހަދާ، މެއިންޓަނަންސް މަސައްކަތުގައި މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެނީ އެ މަސައްކަތުގެ ކޮންޓްރެކްޓަރ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކުންފުނިންނެވެ. އެ ކުންފުނީގެ އެހީތެރިކަމާއެކު މި މަސައްކަތަށް ދިވެހިންވެސް އަންނަނީ ތަމްރީނުކުރަމުންނެވެ.
އެގޮތުން މިފަހަރު ކުރިއަށްގެންދާ ޕްރޮގްރާމަކީ، މިމަހުގެ 15އިން 26އަށް ޗައިނާގައި ކުރިއަށްގެންދާ 10 ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެކެވެ. މި ޓްރެއިނިންގައި 5 މީހުން ހިމެނޭ ޓީމެއް ބައިވެރިވެއެވެ.
މި ޓީމު ޗައިނާއަށް ފުރުމުގެ ކުރިން، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޒިއަންހުއާ ވަނީ، ވުޒާރާގެ ޓެކްނިކަލް ޓީމާ ބައްދަލުކުރައްވާފައެވެ.
މި ޓްރެއިނިންގ ޕްރޮގްރާމުގެ މަޤުޞަދަކީ ބްރިޖް ބެލެހެއްޓުމާއި މަރާމަތާ ގުޅޭ މަސައްކަތްތަކުގައި ބޭނުންވާ ޓެކްނިކަލް ތަމްރީންތައް ފޯރުކޮށްދިނުމެވެ.
ބްރިޖް ބެލެހެއްޓުމުގެ މަސައްކަތުގައި ޗައިނާއިން ލިބެމުންދާ އެހީތެރިކަމަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުން ވަރަށް ރަނގަޅަށް ފެންނަ މިސާލެއްކަމަށް ބިނަރާ ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
Ambassador Kong Xianhua meets our technical team, led by Director General Mr. Ismail Shafiee, ahead of their training on maintenance of the China–Maldives Friendship Bridge, to be held in China from 15–26 September 2026.
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) September 13, 2026
The training aims to build technical expertise in bridge… pic.twitter.com/AxqRlzRthU
މިދިޔަ ހަފްތާގައި ދެ ބޯޓެއް ސިނަމާލެ ބްރިޖުގައި ޖެހި ހިނގި ހާދިސާގައި ބްރިޖުގެ ބޭރުފުށުން ބައެއް ކުދި ގެއްލުންތައް ލިބިފައިވެއެވެ. މި ޙާދިސާގައިވެސް ބްރިޖަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް، އިންސްޕެކްޝަން ސަރވޭގެ މަސައްކަތް ގެންދިޔައީ ޗައިނާގެ ސީސީސީސީ ސެކަންޑް ހަރބަރ ކުންފުނީގެ އެހީތެރިކަމާއެކުގައެވެ. ނަމަވެސް އެ ހާދިސާގައި ސްޓްރަކްޗަރަލް އެއްވެސް ގެއްލުމެއް ވެފައި ނުވާކަން ވަނީ ކަށަވަރުކޮށްފައެވެ.
ސިނާމާލެ ބްރިޖްގެ މަސައްކަތަކީ ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.
ސިނަމާލެ ބުރިޖު ތަރައްޤީކޮށް ހުޅުވާފައިވަނީ 2018ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ. 1.4 ކިލޯމީޓަރުގެ އެ ބުރިޖުގައި މޫދަށް 7 ތަނބު ޖަހާފަވެއެވެ. މިއީ 200 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.