ޚަބަރު

ރިޔާސީ ބަޔާނަށް މައިނޯރިޓީ ލީޑަރު ފާޑު ވިދާޅުވެއްޖެ


ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވި ރިޔާސީ ބަޔާނަށް، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަޙްމަދު ސަލީމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވާގޮތުން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިއްބެވި ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަވަންޖެހެއެވެ.

މިހާރު މަޖިލީހުގައި މެންބަރުން ތިއްބެވި ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ސަލީމް ވަނީ އިދިކޮޅު ފަރާތްތަކުގެ މަސައްކަަތަށް ސަރުކާރުން ހުރަސްއަޅާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އެއީ ޑިމޮކްރަސީއާ ބީރައްޓެހި ސިފައެއްކަމަށް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ މިސަރުކާރުން ވެފައިވާ ވައުދުތައް ތަންފީޒު ކުރަމުންދާގޮތަށް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ. ޚާއްސަކޮށް ބޯހިޔާވަހިކަމާއި، މަރުތަކާއި، އަތޮޅު ތެރޭގެ ތަރައްޤީގެ ކަންކަން ހިނގާގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ސަލީމް ގޮވާލެއްވިއެވެ.

ރިޔާސީ ބަޔާނަށް ރައްދުދެއްވަމުން ސަލީމް ވަނީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ކިޔާ ފާޑުކިޔުންތައް ތަކުރާރުކުރައްވާފައެވެ. އަދި ސަރުކާރުން އެކި ފަރާތްތަކާއެކު ޤާއިމްކުރާ އެއްބަސްވުންތައް ހާމަކުރުމަށް ސަލީމް ގޮވާލެއްވިއެވެ.

ރިޔާސީ ބަޔާނަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ފާޑުކީނަމަވެސް، މިއަހަރަށް މަޖިލިސް ހުޅުވުމުގެ ގޮތުން ބޭއްވި މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވި ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް ބޮޑެތި އުންމީދުތަކެއް ގެނުވި ބަޔާނެއްކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ އެކި ދާއިރާތަކުން ގެންނަވާނެ ބަދަލުތަކާއި، ރާއްޖޭގެ އިޤްތިޞާދާއި ކުރިއެރުމަށް ގެންނަވާނެ ބަދަލުތަކުގެ ވާހަކަ ތަފްސީލީ ގޮތެއްގައި ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ.

ރައީސުލްޖުމްޙޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ސިޔާދަތާ އިސްތިގްލާލީ ބުރުލެއް އަދި ގުޑުމެއް އައުމުގެ ކުޑަވެސް ފުރުސަތެއް ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ގައުމިއްޔަތު ބިނާވެރިވި ދެމިއޮންނަންޖެހޭ ބަހާތަކުގެ މައްޗަށް ތާއަބަދު އޮންނާނެކަމަށާއި ސަރުކާރުން އެކަމަށް އަބަދުވެސް ފާރަވެރިވާނެކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ އަމާން ސުލްހަވެރި ދިރިއުޅުމުގެ މައްޗަށް ނާމާންކަމާއި ހަތުރުވެރިކަމާއި އަދާވާތްތެރިކަމަށް ވެރިވެގަތުމުގެ ކުޑަވެސް ފުރުސަތެއް އެއްވެސް ބަޔަކަށް ނުދެއްވާނެކަމަށެވެ.