ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)އަށް 40 އަހަރުފުރޭ އަހަރީ ދުވަހާ ގުޅިގެން ތަޢާރަފުކުރި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަހަރުގެ ނޮވެމްބަރު މަހު ފާހަގަކުރާ ބީއެމްއެލްގެ 40ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދާ މި ސްކޮލަރޝިޕަކީ ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމުގެ އަމާޒުގައި ދޭ ސްކޮލަރޝިޕެއްކަމަށެވެ. މި ސްކޮލަރޝިޕްގެ ދަށުން 3 ދަރިވަރަކަށް ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބީއެމްއެލްއިން ވިދާޅުވީ މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ޚަރަދު، ވިސާ ފީ އަދި ފޮތް ގަތުމުގެ ޚަރަދުގެ އިތުރުން އެސްޓަބްލިޝްމެންޓް އެލަވަންސް އާއި ޓިކެޓްގެ ޚަރަދު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ސްކޮލަރޝިޕަށް އެދި ހުށަހަޅާ ދަރިވަރުންނަށް ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން ފައިނޭންޝިއަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝިއަލް ރިޕޯޓިންގ އެންޑް އެނަލިޓިކްސް ނުވަތަ ފައިނޭންޝިއަލް އިންޖިނިއަރިން ފަދަ ދާއިރާތަކުން އަންޑަރ ގްރެޖުއޭޓް ފްރޮގްރާމަށް އެދި ހުށަހެޅޭނެކަމަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ.
އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ދަރިވަރުންނަށް މި ސްކޮލަރޝިޕަށް އެދި ހުށަހެޅޭނެއެވެ.
މި ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތައް [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ 11:59 ގެ ކުރިންނެވެ. އަދި ސްކޮލަރޝިޕަށް ކުދިން ހޮވުމުގެ ކުރިން ޝޯޓް ލިސްޓް ކުރެވޭ ކެންޑިޑޭޓުން އިންޓަރވިއު ކުރާނެއެވެ.