ޚަބަރު

އޯޕަން ހާޓް ސާޖަރީއާ ނުލާ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ ވޭލެއް ބަދަލުކޮށްފި


އޯޕަން ހާޓް ސާޖަރީ ހެދުމަކާ ނުލާ ހިތުގެ ވޭލެއް ބަދަލުކޮށްގެން ކުރާ ހިތުގެ އޮޕަރޭޝަނެއް އޭޑީކޭއިން ކާމިޔާބުކަމާއެކު ކޮށްފިއެވެ. މިއީ މިފަދަ އޮޕަރޭޝަނެއް ރާއްޖޭގައި ކުރި ފުރަތަމަ ފަހަރުވެސްމެއެވެ.

އޭޑީކޭއިން ބުނީ "ޓްރާންސް އެއޯޓިކް ވޭލްވް އިމްޕްލާންޓޭޝަން" ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށާއި އެ އޮޕަރޭޝަން ކޮށްފައިވަނީ ހިތުގެ ބަލި ހުރި އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިއީ ބަލަންޖެހޭ ކަންތައްތަކަށް ރަނގަޅަށް ބަލައި، އޭގެތެރެއިން ހޮވާލެވުނު ޕޭޝަންޓެއްކަމަށް އޭޑީކޭއިން ބުނެއެވެ. އަދި މި އޮޕަރޭޝަނަކީ މަދު ބަޔަކަށް ނޫނީ ނުކުރެވޭ ސާޖަރީއެއް ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރާންސް އެއޯޓިކް ވޭލްވް އިމްޕްލާންޓޭޝަން (ޓީ.އޭ.ވީ.އައި) އަކީ ހިތުގެ ލޭ ފޮނުވާ މައި ނާރު ކަމަށްވާ އަޔޯޓާ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އާޓިފިޝަލް ވޭލްވްއެއް ލެއްވުމަށް ކުރާ އޮޕަރޭޝަނެކެވެ. އަދި މި އޮޕަރޭޝަންގައި ޕޭޝަންޓްގެ ފައިގެ މަތިން ފެށިގެން ހިތާ ހަމައަށް 'ކެތެޓަރ'އެއް ލައްވައި އެ މެދުވެރިކޮށް އާޓިފިޝަލް ވޭލްވްއެއް ލައްވައެވެ.

މި އޮޕަރޭޝަނަކީ ހިތަށް ލޭ ފޮނުވައިދޭ މައި ނާރު، އަޔޯޓާގައި އިންނަ ވޭލްވް ހުޅުވެންޖެހޭ މިންވަރަށް ނުހުޅެވޭތީ ކުރާ އޮޕަރޭޝަނެއްކަމަށާއި އެކަން ހައްލުކުރުމުގެ ގޮތުން ވީހާވެސް އަވަހަށް ވޭލްވް ބަދަލުކުރަން ޖެހޭނެކަމަށް ޑރ. މުހައްމަދު ޝާފިއު ވިދާޅުވިއެވެ. ޑރ. ޝާފިއު ވިދާޅުވީ އުމުރުގެ ގޮތުން ދުވަސްވީ މީހުން މިފަދަ އޮޕަރޭޝަނެއް ކުރާ ނަމަ ތަފާތު ގޮންޖެހުންތައް ހުންނާނެކަމަށެވެ. އެގޮތުން ލިވާ ފެއިލްވެފައި ހުރުމާއި ސްޓްރޯކެއް ޖެހިފައި ހުރުން ނުވަތަ ކިޑްނީ ބަލި ހުރި ޕޭޝަންޓަކަށްވެސް ވެދާނެކަމަށެވެ.

" މި އޮޕަރޭޝަން ކުރާ ޕޭޝަންޓެއް 2 ދުވަސް ތެރޭގައި ދޫކޮށްލެވޭނެ. ނަމަވެސް އޯޕަން ހާޓް ސާޖަރީ ހަދާ ޕޭޝަންޓެއްނަމަ އާންމުކޮށް ދޫކޮށްލެވޭނީ ހަފްތާއެއް ނުވަތަ 5 ވަރަކަށް ދުވަސްތެރޭގަ. " ޑރ. ޝާފިއު ވިދާޅުވިއެވެ.

މި އޮޕަރޭޝަން ކުރުމުގައި އެޑީކޭ ހޮސްޕިޓަލްގެ ތަޖުރިބާކާރު ޓީމެއްވަނީ ހަރަކާތްތެރިވެފައެވެ. އޭގެތެރޭގައި 5 ޑޮކްޓަރުންނާއި ހުނަރުވެރި ނަރުހުންގެ ޓީމެއްގެ އިތުރުން ސްޓޭންޑް ބައި ޓީމެއްވެސް ހިމެނެއެވެ.

ހިތުގެ ވޭލު ހަރަކާތް ނުކުރުމާއެކު އެކަން އާންމު ގޮތެއްގައި ހައްލުކުރަނީ ހިތް ފަޅާލައިގެން ކުރާ އޯޕަން ހާޓް ސާޖަރީ އަކުންނެވެ. ނަމަވެސް އޯޕަން ހާޓް ސާޖަރީއާ ނުލާ އެ މައްސަލަ ރާއްޖޭގައި ހައްލުކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. އޭގެ އިތުރުން މި އޮޕަރޭޝަނަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގައި ވެސް ވަރަށް މަދުން ނޫނީ ނުކުރާ އޮޕަރޭޝަނެކެވެ.