މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސްތަކުން 690 ދަރިވަރަކު ދަސްވެނިވެއްޖެއެވެ. ޕޮލިޓެކްނިކުން ވަނީ، އެ އިންސްޓިޓިއުޓުގެ ކޯސްތައް އެކި ދާއިރާތަކަށް ފުޅާކޮށްފައެވެ.
ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ރައްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދުއެވެ. މި ރަސްމިއްޔާތުގައި ޕޮލިޓެކްނިކްގެ އިސްބޭފުޅުންނާއި ތައުލީމާއި ބެހޭ ވުޒާރާގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ޕޮލިޓެކްނިކް އުފެދިގެން އައީ ޢަމަލީ މަސައްކަތްތަކުގެ މައިދާނަށް ބޭނުންވާ އެކިއެކި ހުނަރުތަކުގެ ކޯސްތައް ހިންގުމަށް ޚާއްސަ އިންސްޓިއުޓެއްގެ ގޮތުގައެވެ. މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ޕޮލިޓެކްނިކްގެ ގޮފިތައް އަންނަނީ ހިންގަމުންނެވެ.
ޕޮލިޓެކްނިކްއިން ޖުމްލަ 55 އެކަޑަމިކް ޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ހިމެނެނީ 3 ޑިޕްލޮމާއި ޕްރޮގްރާމް، 7 އެޑްވާންސް ސެޓިފިކެޓް ލެވެލް 4 ޕްރޮގްރާމް، 2 ނޭޝަނަލް ސެޓިފިކެޓް ލެވެލް 4 ޕްރޮގްރާމް އަދި 25 ސެޓިފިކެޓް ލެވެލް 3 ޕްރޮގްރާމްއެވެ. މީގެ އިތުރުން 14 ނޭޝަނަލް ސެޓިފިކެޓް ލެވެލް 3 ގެ ޕްރޮގްރާމް، 1 ސެޓިފިކެޓް ލެވެލް 2 ޕްރޮގްރާމް އަދި 3 ސެޓިފިކެޓް ލެވެލް 1 ޕްރޮގްރާމް ހިމެނެއެވެ.
މީގެ އިތުރުން، ތަފާތު 9 ދާއިރާއަކުން ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ހަދައި، 42 ފަރާތަކަށް ވަނީ ސަނަދު ދީފައެވެ. ހިންގުނު 55 ޕްރޮގްރާމެއްގައި ޖުމްލަ 690 ދަސްވެނިން ތައުލީމު ހާސިލުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 401 ފިރިހެން ދަރިވަރުންނާއި 289 އަންހެން ދަރިވަރުންނެވެ. އަދި 12 ދާއިރާއެއްގެ 17 ޕްރޮގްރާމަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި 39 ދަރިވަރަކަށް ވަނީ އެކްސެލެންސް އެވޯޑް ދީފައެވެ.
މިއަހަރު މޯލްޑިވްސް ޕޮލިޓެކްނިކްގައި ޖުމްލަ 1132 ދަރިވަރުން އެންރޯލްވެފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 708 ފިރިހެން ދަރިވަރުންނާއި 424 އަންހެން ދަރިވަރުންނެވެ.