ޚަބަރު

ފެނަކައިގެ ހޯމް ސޯލާ ޕްރޮގްރާމް: %97އަށް ކަރަންޓު ބިލް ކުޑަކޮށްލެވޭ


ފެނަކައިގެ ހޯމް ސޯލާ ޕްރޮގްރާމާއެކު، ގޭގޭގެ ކަރަންޓު ބިލް %97އާއި ހަމައަށް ކުޑަކުރެވޭނެ ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ. ފެނަކައިން މިހާރުވަނީ ގޭގައި ސޯލާ ހަކަތަ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައެވެ.

ދިވެހިރާއްޖެއަކީ ތިމާވެއްޓާ ރަށްޓެހި ޤައުމެއްގެ ގޮތުގައި ހަދާ، ރާއްޖެއަކީ ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަ ގޮތްތައް އަށަގަންނުވާ ޤައުމަކަށް ހެދުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. މީގެތެރެއިން މިހާތަނަށް ފަށާފައިވާ އެންމެ ބޮޑު މަސައްކަތަކީ، ޖައްވަށް ބޭރުކުރާ ވިހަ ގޭސް ޒީރޯ އެމިޝަން ޤައުމަކަށް ހެދުމެވެ. ނުވަތަ މިފަދަ ވިިހަ ގޭސްތައް ޖައްވަށް ބޭރުކުރުން މުޅިން ހުއްޓާލާ ޤައުމަކަށް ހެދުމެވެ.

ރާއްޖެ އެތެރެކުރާ ތެލުގެ %60 ބޭނުންކުރަނީ ހަކަތަ އުފެއްދުމަށެވެ. ރާއްޖެއަކީ ހަކަތަ ފޯރުކޮށްދިނުމަށް ތެޔޮ ގަތުމަށް ވަރަށް ބޮޑު ހޭދައެއް ކުރެއެވެ.

މިޢަމާޒަށް ވާސިލްވުމަށް ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު މަސައްކަތަކީ އިއާދަކުރަނިވި ހަކަތަ އުފެއްދުމެވެ. އެގޮތުން އަތޮޅުތަކުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، ޕީކް ގަޑީގައި ބޭނުންކުރާ ކަރަންޓުގެ %70އަށް އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ފަށާ، އޭގެ ފައިދާ މިހާރުވެސް ބައެއް ރަށްތަކަށް ދަނީ ލިބެމުންނެވެ.

ރާއްޖޭގެ މާޙައުލާ ގުޅޭގޮތަށް ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތުގައި މިހާރު މިވަނީ "ހޯމް ސޯލާ" ނުވަތަ އަމިއްލަ ގޭގޭގައި އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރެވޭނެ މަޝްރޫޢެއްވެސް ފަށާފައެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ 150އަށްވުރެ ގިނަ ރަށަށް ކަރަންޓު ފޯރުކޮށްދޭ ފެނަކައިން މިވަނީ "ހޯމް ސޯލާ" އިފްތިތާޙުކޮށް ސޯލާ ހަކަތަ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައެވެ. ފެނަކައިން ވިދާޅުވީ މިހާރުވެސް ގިނަ ބަޔަކު އަމިއްލަ ގޭގައި ސޯލާ ހަރުކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.

ތިމާވެށީގެ ފައިދާތަކުގެ އިތުރުން، މީގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ އާއްމު ރައްޔިތު މީހާގެ ޖީބަށެވެ.

ހޯމް ސޯލާ ނިޒާމަކީ ދިރިއުޅޭ ގޭގެ ފުރާޅުގައި ހަރުކުރާ ފެހި ހަކަތަ އުފައްދާ ނިޒާމެކެވެ. ހޯމް ސޯލާ ނިޒާމެއް 20-25 އަހަރަށް ދެމެދުގެ މުއްދަތަކަށް ބޭނުންކުރެވޭނެއެވެ.

ފެނަކައިން ވިދާޅުވީ މިފަދަ ނިޒާމަކާއެކު ގޭގެ ކަރަންޓު ބިލް ވަރަށް ބޮޑަށް ކުޑަކުރެވޭނެކަމަށެވެ. ހޯމް ސޯލާއަށް ބަދަލުކުރުމަށް ކުރާ ކުޑަ ޚަރަދުގެ ބަދަލާއި ފައިދާ، %97 އާއި ހަމައަށް ސީދާގޮތުގައި ރައްޔިތު މީހާއަށް ލިބޭނެއެވެ. މަހުންމަހަށް އަަންނަ ކަރަންޓު ބިލް %97 އަށް ކުޑަކުރެވޭނެއެވެ. 2000 ރުފިޔާގެ ކަރަންޓު ބިލެއް ދައްކާ ގެއަކުން، މި ނިޒާމާއެކު މަހަކު ދައްކާ އަގު 60 ރުފިޔާއަށް ކުޑަކޮށްލެވޭނެއެވެ.

ރާއްޖެއަކީ އަބަދުވެސް އިރުގެ އަލި ލިބޭ ޤައުމަކަށް ވުމާއިއެކު، މި ނިޒާމު ވެގެންދާނީ ރާއްޖެއަށް ވަރަށް އެކަށޭނަ ދެމެހެއްޓެނިވި ނިޒާމަކަށެވެ. ފެނަކައިން ވިދާޅުވީ އެ ކުންފުނީގެ ހޯމް ސޯލާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އަބަދުވެސް އޮންނާނެކަމަށެވެ.

މިކަމަށް އެދި ހުށައެޅުމުން، ގޭގައި ސޯލާ ހަރުކުރުމުގެ ސަރވޭތަކާއި، ސޯލާ ހަރުކުރުމުގެ މަސައްކަތްތައްވެސް ކުރާނީ ފެނަކައިގެ ޓީމުންނެވެ. ކޮންމެ ގެއެއްގައިވެސް ހަރުކުރާނީ އެ ގެއަކާ އެކަށީގެންވާ ނިޒާމެކެވެ. ސިސްޓަމް ގަތުމުން، އިތުރު އަގަކާއި ނުލާ ފުރާޅުގައި ހަރުކޮށްދޭނެއެވެ.

އަދި ސޯލާ ޕެނަލް ސަރވިސް ކުރުމުގެ ޚިދުމަތްތައް ވެސް އެ ކުންފުނިން ދޭނެއެވެ. ސޯލާ ޕެނަލް ސިސްޓަމަކީ އަހަރުން އަހަރަށް ސަރިވިސްކުރާ ސިސްޓަމެއް ނޫނެވެ.