ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މަޤުސަދަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާޢަތުން ޒުވާނުންނަށް އަމަލީ ތަމްރީނުދީ، ކާމިޔާބު މުސްތަޤުބަލަކަށް މަގުފަހިކޮށްދިނުމެވެ. މި އެއްބަސްވުމުގެ މުއްދަތަކީ، ފަސް އަހަރު ދުވަހެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ، ވަޒީރު މުޙައްމަދު އަމީންއެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ، ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، ފަތުރުވެރިކަމުގެ ސިނާޢަތަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ހުޅުވައިދޭ މުހިންމު ފުރުސަތެކެވެ. މި ޕްރޮގްރާމުގެ ބައިވެރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރިސޯޓުތަކާއި، ހޮޓާތަކުގެ އިތުރުން ގެސްޓްހައުސްތަކުގައި ތަމްރީނު ހާސިލުކުރާނެއެވެ. މިގޮތުން ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން އަމަލީ މަސައްކަތްތައް ދަސްކޮށް، މަސައްކަތުގެ މާހައުލަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ތަމްރީނު ފުރިހަމަކުރާ މުއްދަތުގައި ބައިވެރިންނަށް މާލީ އިނާޔަތެއްވެސް ދޭނެ ކަމަށެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް، އެ ފަރާތްތަކުން ހާސިލުކުރި ހުނަރާއި ތަޖުރިބާ ރަމްޒުކޮށްދޭ، ރަސްމީކޮށް ޤަބޫލުކުރެވޭ ސަނަދެއް ދޭނެކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ވަޒީފާގެ މުސްތަޤުބަލެއް ބިނާކުރުމަށް އެޅޭ ވަރުގަދަ ބިންގަލަކަށް ވެގެންދާނެއެވެ.
މި އިސްނެގުމުގެ މައިގަނޑު އެއް އަމާޒަކީ، ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ދިވެހި އަންހެނުންގެ ހިއްސާވެސް އިތުރުކުރުމެވެ. މިގޮތުން ދެ ވުޒާރާ ގުޅިގެން ސިނާޢަތުގެ ފަރާތްތަކާ މަޝްވަރާކޮށް، ޒުވާން އަންހެނުން މި ދާއިރާއަށް ޝައުގުވެރި ކުރުވުމަށާއި އެޕްރެންޓިސްޝިޕްގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ބާރުއެޅުމުގެ ޚާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތަކީ ކޮންމެ ދިވެއްސެއްގެވެސް ހިއްސާ އޮތް ދާއިރާއެއް ކަމަށެވެ. މި ފަހުމުނާމާގެ ސަބަބުން ޒުވާނުންނަށް ޚާއްސަކޮށް ޒުވާން އަންހެނުންނަށް، މަސައްކަތުގެ މާހައުލުން އަމަލީ ތަޖުރިބާ ހޯދައި، އާމްދަނީ ލިބޭ ގޮތަށް ތަމްރީނުވުމުގެ ރަނުގެ ފުރުސަތެއް ހުޅުވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއްދޭ ކަމެއްކަމަށެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤުތިސާދުގެ މައިބަދަ ކަމަށްވާއިރު، މި ދާއިރާގެ ކުރިއެރުމާއި މަންފާގައި ދިވެހި ޒުވާނުންނަށް ފުރިހަމަ ހިއްސާ ލިބޭނެކަން ކަށަވަރު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ހަލުވިކަމާއެކު ކުރިއަރަމުންދާ މި ސިނާޢަތަށް ބޭނުންވާ ހުނަރުވެރި ދިވެހި މަސައްކަތްތެރިން ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި ޕްރޮގްރާމުގެ ދަށުން ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމަށާއި ސިނާޢަތުގެ ބައިވެރިވުން އިތުރުކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މަސައްކަތް ކުރާއިރު، ޒުވާނުންގެ މެދުގައި މި ޕްރޮގްރާމް އިޝްތިހާރު ކުރުމާއި، އެޕްލިކޭޝަންތައް ވިލަރެސް ކުރުމުގެ އިތުރުން ތަމްރީނާއި ސަނަދު ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިންނެވެ.