ހައި ކޯޓްގެ ޝަރީޢަތްތަކަށް އިލެކްޓްރޯނިކް އާލަތްތައް ވެއްދޭނެ ގޮތަށް އުސޫލެއް އެކުލަވާލާ އަމަލުކުރަން ފަށައިފިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓްގެ ޝަރީޢަތުގެ މަޖިލީހަށް އިލެކްޓްރޯނިކް އާލަތްތައް ވެއްދުމާއި ބެހޭ އުސޫލްގައިވަނީ ދެ ހަސްމުންނާއި ވަކީލުންނަށާއި، ހެކިންނަށްވެސް ޝަރީއަތް ކުރާ މަޖިލީހަށް އިލެކްޓްރޯނިކް އާލާތްތައް ވެއްދޭނެކަމަށެވެ. ނަމަވެސް ޝަރީޢަތް އަޑުއަހަން ވަންނަ ފަރާތްތަކަށް އެފަދަ އާލާތެއް ނުވެއްދޭނެކަމަށް މި އުސޫލުގައިވެއެވެ.
ހައިކޯޓުގެ ޝަރީޢަތްތަކަށް އިލެކްޓްރޯނިކް އާލާތްތައް ވެއްދޭނެގޮތަށް އުސޫލެއް އެކުލަވާލުމުގެ މަޤްޞަދު ކަމަށް ބަޔާންކޮށްފައިވަނީ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ޚަޞްމުންނަށް، ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ހުށަހެޅުމާއި ޖަވާބުދާރީވުމުގައި ފަސޭހަވާނޭހެން ޝަރީޢަތުގެ މަޖިލީހުގެ އެތެރޭގެ ކަންކަން ބެހެއްޓުމާއި، ހިނގަމުންދާ އަޑުއެހުންތަކުގައި ޖަވާބުދާރީވުމަށް ބޭނުންވާނޭ މަޢުލޫމާތު އަވަސް މަގުން ހޯދޭނޭހެން އަޑުއެހުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ޚަޞްމުންނަށް ފަހިކޮށްދިނުންކަމަށެވެ.
މި އުސޫލްގެ ދަށުން ޝަރީޢަތުގެ މަޖިލީހަށް ވެއްދޭނީ ލެޕްޓޮޕާއި، ޓެބްލެޓް އަދި މޯބައިލްފޯނެވެ. މީގެ އިތުރުންވެސް ޝަރީއަތަށް ބޭނުންވެދާނެ އިތުރު އިލެކްޓްރޯނިކް ވަސީލަތްތައް ވެއްދުމަށް ބޭނުންވާނަމަ ހުއްދަ ނަގައިގެން ވެއްދޭނެކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ. މި އުސޫލުގައި ބަޔާންކުރާގޮތުގައި އިލެކްޓްރޯނިކް އާލާތްތައް ޝަރީއަތުގެ މަޖިލީހުގައި ބޭނުންކުރަންވާނީ އެތަކެތި ވައްދަން ހުއްދަ ދިން ބޭނުމަށް އެކަންޏެވެ. އަދި އިލެކްޓްރޯނިކް އާލާތް ބޭނުންކޮށްގެން ޝަރީއަތުގެ ނިޒާމު ގެއްލޭ ފަދަ އަމަލެއް އަދި ޝަރީއަތް ރެކޯޑު ކުރުން ފަދަ ކަމެއް ކޮށްފިނަމަ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވާކަމަށް މި އުސޫލުގައި ބަޔާންކުރެއެވެ.
ކޯވިޑް-19އާއި ގުޅިގެން ޝަރީޢަތްތަކުގައި ބޭނުންކުރާ ލިޔެކިޔުންތައް މަދުކުރުމަށް އިލެކްޓްރޯނިކް އާލާތްތައް ވެއްދުމުގެ ހުއްދަ މީގެ ކުރިން ކްރިމިނަލް ކޯޓުން ދީފައިވެއެވެ.