ތުރުކީވިލާތުގެ އެހީގައި ހުޅުމާލޭގައި އިސްލާމީ މަރުކަޒެއް ޤާއިމްކުރުމަށް ނިންމައިފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލޫތް ޝަވްޝަގްލޫއާއެކު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖޭގައި މިވަގުތު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް މަޝްރާކުރެއްވިކަމަށެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ވަނީ ހުޅުމާލޭގައި ތުރުކީވިލާތުގެ އެހީގައި އިސްލާމީ މަރުކަޒެއް ޤާއިމްކޮށްދެއްވުމަށް ހުށައެޅުއްވިކަން ފާހަގަކުރައްވާފައެވެ. އަދި އެ އިސްލާމީ މަރުކަޒު ޤާއިމްކުރުމަށް ތުރުކީވިލާތުން އެހީތެރިކަން ދެއްވާނެކަން ހާމަކުރައްވާފައިވާތީ އެކަމަށްވެސް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. އަދި އެއީ ދެޤައުމުގެ ގާތް ގުޅުމާއި އިސްލާމީ އަޚްވަންތަކަން ދައްކުވައިދޭ ބިނާއަކަށް ވާނެކަމަށްވެސް މިނިސްޓަރ ޝާހިދު ސިފަކުރެއްވިއެވެ.
ހުޅުމާލޭގައި ތުރުކީވިލާތުގެ އެހީގައި އިސްލާމީ މަރުކަޒެއް ޤާއިމްކުރުމަށް ނިންމަވާފައިވާއިރު، ރާއްޖޭގައި މިހާތަނަށް ވަނީ 3 އިސްލާމީ މަރުކަޒެއް ޤާއިމްކޮށްފައެވެ. އެއީ މާލޭގެ އިސްލާމީ މަރުކަޒުގެ އިތުރުން ގދ.ތިނަދޫގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒާއި، ރ.އުނގޫފާރުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒެވެ.
ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރާއްޖެއާއެކު ފަސް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ.