ކުޅިވަރު

ކޮވިޑަށް ފަހު މެސީގެ ފިޓްނަސް މައްސަލަތަކެއް


ވޯލްޑް ކަޕް ކޮލިފައިންގައި ކުރިއަށް އޮތް ދެ މެޗަށް ނެގި ސްކޮޑުން ޕީއެސްޖީގެ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބާކީ ކުރީ އަދިވެސް އޭނާ އެއްކޮށް ފިޓު ނުވާތީކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފި އެވެ.

ރޭ ޗިލީ އަތުން އާޖެންޓީނާ މޮޅުވި މެޗުގައި ފިޓްނަސް ދައްވުމުގެ ސަބަބުން މެސީ ހިމަނާފައެއް ނުވެއެވެ. ޕީއެސްޖީގެ ފޯވާޑް މެސީ، ކޮވިޑަށް ޕޮޒިޓިވްވީ އާ އަހަރު ފާހަގަކުރުމަށް އާޖެންޓީނާގައި ހުއްޓާއެވެ. އޭނާ އެނބުރި ފްރާންސަށް އައިސް ހެދި ޓެސްޓު ތަކުން ކޮވިޑަށް ޕޮޒިޓިވްވުމުން އެކަހެރިވެ ހަފްތާއެއް ހާ ދުވަހު ހުއްޓެވެ.

ކޮވިޑްގެ ސަބަބުން މެސީގެ ފިޓްނަސްއަށް އަސަރުކޮށްފައިވާތީ ވޯލްޑް ކަޕް ކޮލިފައިންގައި ކޮލަމްބިއާ އާއި ޗިލީއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗަށް ނެގި ސްކޮޑުން އޭނާ ވަނީ ބާކީ ކޮށްފަ އެވެ. ސްކަލޯނީ ބުނީ ކޮވިޑްގެ ސަބަބުން މެސީގެ ހަށިގަނޑަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އެކަން މެސީ އަށް ވެސް އިހުސާސް ވަމުން އަންނަ ކަމަށާއި ރިކަވަރީ އާއި މެޗު ފިޓްނަސް އަށް ބަލާއިރު މި ވަގުތަށް މެސީ އަށް އެންމެ ރަނގަޅު ގޮތަކީ ކްލަބްގައި މަޑުކުރުން ކަމުގައި ސްކަލޯނީ ގަބޫލުކުރެ އެވެ. މެސީގެ ބަދަލުގައި ކުރިއަށް އޮތް ދެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ބޭންޑް އަޅާނީ އެންހެލް ޑި މާރިއާ އެވެ.

ރޭގެ މެޗުގައި ވެސް ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ޑިމާރިޔާއެވެ. މީގެ ކުރިން ޑި މާރިއާ ވަނީ މިދިޔަ ނޮވެމްބަރު މަހު އުރުގުއޭއާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި ވެސް ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފަ އެވެ.

މެސީ ގައުމީ ޓީމަށް ނުނެގީ އޭނާއާ މަޝްވަރާ ކުރުމަށްފަހު އޭނާގެ ވެސް އެދުމުގެ މަތިންނެވެ.