ޚަބަރު

ގައުމީ ޓީމަށް ކުޅުންތެރިން ދޫނުކުރާތީ ފަރިތަކުރުންތަކަށް ހުރަސްތަކެއް


މިއަންނަ މަހު ބަންގްލަދޭޝްއާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ވޮލީ ޓީމް ކުޅުމަށް ހަމަޖެހިފައިވާ މެޗްތަކަށް ފަރިތަކުރުންތައް ފެށިނަމަވެސް، ޕޮލިހުންނާއި ބައެއް ރިސޯޓްތަކުން ކުޅުންތެރިން ދޫނުކުރާތީ، ގައުމީ ވޮލީ ޓީމްގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

ގައުމީ ވޮލީ ޓީމް މިހާރު ތައްޔާރުވަމުންދަނީ މިއަންނަ މަހުގެ 6 އިން 12އަށް ބަންގްލަދޭޝްއާއި ދެކޮޅަށް އެކުވެރިކަމުގެ މެޗްތަކެއް ކުޅުމަށެވެ. ބަންގްލަދޭޝްއާއި ދެކޮޅަށް ގައުމީ ވޮލީ ޓީމް އެކުވެރިކަމުގެ ތިން މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު، އެންމެ އެކަށީގެންވާ ގޮތުގައި ތަމްރީންތައް ކުރިއަށް ނުގެންދެވޭ ކަމަށް ގައުމީ ޓީމްގެ އޮފިޝަލަކު ބުންޏެވެ. ގައުމީ ޓީމްގެ އޮފިޝަލަކު ވަނީ ޕޮލިހުންނާއި ބައެއް ރިސޯޓްތަކުން ކުޅުންތެރިން ދޫނުކުރާކަން ފާހަގަކޮށްފައެވެ.

13 ކުޅުންތެރިން ހިމެނޭ ޓީމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގައި ވަޒީފާ އަދާ ކުރާ 7 ކުޅުންތެރިއަކު ހިމެނެއެވެ. އަދި ވެމްކޯގައި ވަޒީފާ އަދާ ކުރާ 2 ކުޅުންތެރިއަކާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގައި ވަޒީފާ އަދާކުރާ 2 ކުޅުންތެރިއަކު ހިމެނެއެވެ.

ގައުމީ ޓީމުގައި ހިމެނޭ ޕޮލިހުގެ ކުޅުންތެރިންނަކީ މުޙައްމަދު ނައީމް (ނައިންޓެ)، ޝުއައިބް އަބްދުއްލަތީފް، އަހުމަދު ނާފިއު، ޝާމިލް މުޙައްމަދު، މާއިޝް މުޙައްމަދު، އަލީ ނިމާލް އަދި މާއިދު މުހައްމަދުއެވެ. މިކުޅުންތެރިންގެ ތެރެއިން ނިމާލް އާއި މާއިދު މިއީ އަލަށް ޓީމުން ފުރުސަތުދިން ދެ ކުޅުންތެރިންނެވެ. ވެމްކޯގެ ދެ ކުޅުންތެރިންނަކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ފައިރޫޒްއެވެ. އެމްއެންޑީއެފްގެ ދެ ކުޅުންތެރިންނަކީ ހުސައިން ޝާހިދު (ޝާޑު) އާއި އާދަމް ނަސީމް (އެޑަމް)އެވެ.

ވީއޭއެމްގެ އޮފިޝަލަކު ބުނީ ފިޓްނަސްއަށް ބަލާއިރު، ކުޅުންތެރިންގެ ފިޓްނަސް ލެވެލް ވަރަށް ރަނގަޅުކަމަށާއި ނަމަވެސް ކުޅުންތެރިން ދޫނުކުރާތީ، ޓީމެއްގެ ގޮތުގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ގިނަ އުނދަގޫތަކާއި ކުރިމަތިވެފައިވާކަމަށެވެ. އަދި ޚާއްސަކޮށް، ޓީމް އެއްކޮށް ފަރިތަކުރުންތައް ކުރިއަށް ނުގެންދެވޭއިރު، ބަންގްލަދޭޝް ކަހަލަ ޓީމަކާއި ދެކޮޅަށް ކުޅުމަކީވެސް އުނދަގޫ ކަމެއްކަމަށް އޮފިޝަލް ބުންޏެވެ.

2015ވަނަ އަހަރު ގެޒެޓް ކުރެވުނު ދިވެހިރާއްޖޭގެ ކުޅިވަރާއި ބެހޭ ގާނޫނުގައި ވާގޮތުން ގައުމީ ޓީމުތަކުގެ ކުޅުންތެރިން ބައިނަލްއަގްވާމީ މެޗުތަކާއި މުބާރާތްތަކަށް ދޫކުރަންޖެހެއެވެ. ވީއޭއެމްއިންވަނީ ކުޅުންތެރިން ދޫކުރުމަށް ޔޫތު މިނިސްޓްރީއާއި ގުޅިގެން މަސައްކަތްކޮށްފައެވެ. އަދި ޔޫތު މިނިސްޓްރީ އާއި ކޮމިޝަނާ އޮފް ސްޕޯޓްސް މެދުވެރިވެގެން ކުޅުންތެރިން ވީއްލުމަށް ކަމާއި ގުޅުން ހުރި އިދާރާތަކަށް ލިއުން ފޮނުވާފައިވާ ކަމަށްވެސް އޮފިޝަލް ބުންޏެވެ.