ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒަށް ތަކެތި ބަލައިގަންނަން ފަށާނީ އަންނަމަހު


  • ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަމަހު 05 އިން 11 ގެ ނިޔަލަށް

  • ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި

  • މައުރަޒު އޮންނާނީ އޮކްޓޯބަރުމަހުގެ ފަހު ހަފުތާގައި

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026"ގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ އުފެއްދުންތައް ބަލައިގަންނަން ފަށާނީ އަންނަމަހުކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މަޢުރަޒު އޮންނާނީ އޮކްޓޯބަރު މަހުގެ 23 އިން 31 އަށެވެ.

މި މައުރަޒަށް ހުށަހަޅާ އުފެއްދުންތަކުގެ ތެރެއިން ކާބޯތަކެތީގެ ބާވަތްތައް ފިޔަވައި އެހެނިހެން އުފެއްދުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަމަހު 05 އިން ފެށިގެން 11 ގެ ނިޔަލަށެވެ. މީގެ ތެރޭގައި ފަހުން ބަލައިގަންނަ ކާބޯތަކެތީގެ ގޮތުގައި ހިމެނެނީ ކާބޯތަކެތީގެ ގިންތި އާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ވެލިއު އެޑިޝަން އަދި މަސްވެރިކަމުގެ އުފެއްދުންތަކުގެ ވެލިއު އެޑިޝަން ގިންތީގެ ދަށުން ބައިވެރިކުރާ ކާބޯތަކެއްޗެވެ.

މައުރަޒަށް ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ މުއްދަތުގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 20:00 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައި މައުރަޒު ބޭއްވުމަށް ތައްޔާރުކުރެވިފައިވާ ސަރަހައްދުންނެވެ.

މައުރަޒަށް ތަކެތި ހަވާލުކުރާއިރު ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ އެންމެހައި މައުލޫމާތު ފުރިހަމަކޮށްފައި ހުރުމާއެކު، ހުށަހަޅާ ހުރިހާ ތަކެއްޗެއްވެސް އެކަށީގެންވާ ރައްކާތެރި ގޮތަކަށް ބަންދުކޮށްފައި (ޕެކްކޮށްފައި) ހުންނަންވާނެއެވެ.

މީގެ އިތުރުން، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ގިންތީގެ އުފެއްދުންތައް ބަލައިގަންނާނީ އޮންލައިން ލިންކެއް މެދުވެރިކޮށް ކަމަށާއި، އެ ލިންކް ފަހުން ހިއްސާކުރެވޭނެ ކަމަށްވެސް ވަނީ މައުލޫމާތު ދީފައެވެ.

ވީމާ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތަކެތި ހަވާލުކުރުމަށް އެދޭއިރު، މި މައުރަޒާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 3330601 ނަންބަރު ފޯނާ ގުޅުއްވުމަށް ވަނީ އެދިފައެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ، ރާއްޖޭގެ އުފެއްދުންތެރިންނާއި ހުނަރުވެރިންގެ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ދައްކާލައި، އެ އުފެއްދުންތަކަށް ފަހި މާކެޓެއް ހޯދައިދިނުމުގެ މަޤްޞަދުގައި ބާއްވާ އެންމެ ބޮޑު ޤައުމީ ޙަރަކާތެވެ. މިއަހަރުގެ މަޢުރަޒު އޮކްޓޯބަރު މަހުގެ 23 އިން 31 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޙަރަކާތަށް އަންނަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންނެވެ. މިގޮތުން، މިއަހަރުގެ މަޢުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިވުމަށް މިހާތަނަށް 520 އަށްވުރެ ގިނަ ފަރާތުން ވަނީ ފޯމު ހުށަހަޅާފައެވެ. މިއީ މިދިޔަ އަހަރު ހުށަހެޅި 270 އެއްހާ ފޯމާ އަޅާބަލާއިރު ދެގުނަ އިތުރު ޢަދަދެކެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ކެޓަގަރީތަކުންނެވެ. މަޢުރަޒުގައި ވާދަކުރުމުގެ ބައިން ބައިވެރިވުމުގެ އެންމެހައި ކަންކަން ކުރިއަށްދަނީ "expo.mv" ޕޯޓަލް މެދުވެރިކޮށެވެ.

ދިވެހި އުފެއްދުންތެރިންގެ ވިޔަފާރިތައް މާކެޓުކޮށް، އެ ފަރާތްތަކަށް އާމްދަނީ އިތުރުކުރެވޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ޚާއްޞަ އިސްކަމެއް ދީގެން ޙާޞިލުކުރަން މަސައްކަތްކުރާ މުހިންމު ޢަމާޒެކެވެ.