ޚަބަރު

ރިޟުވާންގެ މަރުގެ މައްސަލާގައި ކުރީގެ ފަނޑިޔާރު ޢަބްދުﷲ ދީދީއާ ސުވާލުކޮށްފި


ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައިގެ ތުހުމަތުގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން، ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ދީދީއާ ސުވާލުކޮށްފިއެވެ.

ރިޔާސީ ކޮމިޝަނުން ކުރީގެ ފަނޑިޔާރު ޢަބްދުﷲ ދީދީއާ ސުވާލުކޮށްފައިވަނީ އެކޮމިޝަނުގެ ފަރާތުން މެލޭޝިއާއަށް ގޮސްގެންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ސުވާލުކޮށްފައިވަނީ މިދިޔަ މަހުއެވެ. އަދި މެލޭޝިއާއަށް ދިޔަ ޓީމުގައި ފުލުހުންވެސް ބައިވެރިވެފައިވެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީޤު ކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގެ ޚުލާސާ ބަޔާނުގައި ވާގޮތުން 2012ވަނަ އަހަރު ރިޟުވާން ގެއްލުމާގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލާފައިވަނީ ކްރިމިނަލް ކޯޓުގެ އޭރުގެ ގާޒީ ޢަދުالله ދީދީއެވެ. ދީދީއާއެކު މިކަމުގައި އެންމެބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބް އަބްދުލްޣަފޫރުކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ، ރިޟްވާނަށް ފާރަލައި ކިޑްނެޕްކުރުމުގައި އެހީތެރިވެދިން މީހުން ފުލުހުން ހައްޔަރުކުރުމުން، އެމީހުން ސަލާމަތްކޮށްދިނުމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ގުޅައި، އެމީހުންގެ ނަންތައް އަޙްމަދު އަދީބުއަށް ފޮނުވުމުން އަހްމަދު އަދީބު އެ ނަންތައް ކްރިމިނަލް ކޯޓުގެ ގާޒީ ޢަބްދުالله ދީދީއަށް ފޮނުއްވިަކަމށާ، އޭގެފަހުން އެމީހުން ކޯޓަށް ގެންދިއުމުން ފަނޑިޔާރު ޢަބްދުﷲ ދީދީ އެމީހުން ދޫކޮށްލައްވާފައިވާކަމަށެވެ. އަދި އޭގެ ފަހުން ރިޟްވާން ކިޑްނެޕްކުރުމުގައި ހަރަކާތްތެރިވި މީހުން ފުރައިގެން ސޫރިޔާއަށް ގޮސްފައިވާކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރިޟްވާން ޢަބްދުاللهއަށް ފާރަލައި ކިޑްނެޕްކުރުމުގައި ބައިވެރިވި މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްނުދީ ޢަބްދުالله ދީދީ އޭނާ ދޫކޮށްލަން އަމުރުކުރިއިރު، އޭނާގެ މައްޗަށް ރިޟްވާން ޢަބްދުالله ކިޑްނެޕްކުރުމުގައި ބައިވެރިވިކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާ ހެކި ހުރިކަމަށްވެސް މި ރިޕޯޓްގައިވެއެވެ.