ޚަބަރު

ދަނޑުވެރިކަން ފުޅާވެ ގަމީރާގެ މިސްރާބު ނަފާ ލިބޭ އެހެން މަސައްކަތްތަކަށް


ދިރި އުޅުމުގައި އަންހެނުންނަށް ކުރިއަށް ދިއުމަށް ފަހިވެފައި އޮންނަ ފުރުސަތު ވަރަށް ކުޑައެވެ. ބުރަ މަސައްކަތުން އެހުރަސްތައް ގިރާކޮށް ދިރިއުޅުމުގައި ކާމިިޔާބު އަންހެނަކަށް ވުމަށް ކޮންމެ ކަނބަލަކުވެސް ބޭނުންވާނެއެވެ. އެހެންނަމަވެސް އެއީ ވަރަށް ބުރަ މަސައްކަތެކެވެ. އަތޮޅު ތެރޭގައި ދިރިއުޅޭ ގިނަ އަންހެނުންނަކީ އާންމުކޮށް ދަނޑުވެރިކަން ކުރުމަށް ޝައުގު ހުންނަ ބައެކެވެ.
ދަނޑުވެރިކަމުގައިވެސް ތަފާތު ތަޖުރިބާ ކުރި މީހުންވަރަށް މަދެވެ. ހަމައެހެންމެ އެއްވަރެއްގައި ހިފަހައްޓާ ލެވުނު މީހުންވެސް ވަރަށް މަދުކަން ފާހަގަކޮށްލެވެއެވެ.

ބ.އަތޮޅު އަންހެނުން ފުށީގައި ދަނޑުވެރިކަން ކުރާ އއ.ތޮއްޑުއަށް އުފަން ގަމީރާ އާދަމް ފަޅުރަށެއްގައި ދަނޑުވެރިކަން ކުރާތާ މިހާރު 12 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ދަނޑު ހެއްދުމުގެ މަސައްކަތް އެންމެ ފުރަމަތަމަ ފަޅު ރަށެއްގައި ބިދޭސީންނާއެކު ފެށީ އެކަންޏެވެ. އެދުވަހުން ފެށިގެން ޤަމީރާ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން އެތައް އެވޯޑްތަކެއް ހޯދާފައެވެ. މިވިޔަފާރި ފުޅާކުރަނީ މިހާރު ގަމީރާގެ ދަރިންނެވެ. ދަނޑު ހައްދާ ބެލެހެއްޓުމުގެ އެންމެހާ ކަންކަން ކުރަނީ އޭނާގެ ދެ ފިރިހެން ކުދިންނެވެ. އެހެން ކަމުން ދަނޑުވެރިކަމުގެ އެއްވެސް ކަމެއް ކުރަން ނުޖެހި ހުސްކޮށް ގިނަ ވަގުތު ހޭދަކުރަން ޖެހޭތީ ގަމީރާ ވަނީ ނަފާ ލިބޭ އިތުރު މަސައްކަތެއް ފަށާފައެވެ. އެގޮތުން އޭނާގެ އަމިއްލަ ޕްރޮޑަކްޓް އުފައްދާ އެތަކެތި ކައިރި ރިޒޯޓްތަކަށާއި ރަށްރަށަށްދަނީ މާކެޓް ކުރަމުންނެވެ.

ގަމީރާ މައިގަނޑު ގޮތެއްގައި މިހާރު ކުރަނީ ތިން މަސައްކަތެކެވެ. އެއީ ކާށިތެޔޮ ހޭނުމާ ފޮނި އަސާރަ ހެދުމާއި ހިތްތަލަ ގާނައިގެން އޭގެ ފުށް ހެދުމުގެ މަސައްކަތެވެ.

"އެންމެ ފުރަތަމަ ހުސްވަގުތު ލިބޭތީ މިކަންކުރަން ފެށީ އެކަމު މިހާރު އެނގޭ މިއިންވެސް ކޮންމެވެސް އާމްދަނީއެއް ލިބޭނެކަން އެހެންވެ މިމަސައްކަތް ފުޅާކޮށް ކުރަން މިފެށީ" ގަމީރާ ބުންޏެވެ.


ފަޅު ރަށެއްގައި ހުރެގެން މިކަން ކުރުމުގައި އެއްވެސް އެއްޗެއް ހޯދާކަށް ނުޖެހެއެވެ. ރުކުން ލިބޭ ކާއްޓާއި ކޮރޮޅިން ކާށި ތެޔޮ ހާނަމުންދާއިރު ހިތްތަލަ ގަސް ތަކުން ހިތްތަލަވެސް ލިބޭ ކަމަށް އޭނާ ބުންޏެވެ. އަދި ފަޅޯ އަސާރަ ހަދަނީ ރިސޯޓްތަކަށާއި މާލެ ފޮނުވާފައި ބާކީ ހުންނަ ފަޅޯތަކުން ކަމަށްވެސް ގަމީރާ ބުންޏެވެ.

"ރުއްތަކުން ވެރޭ ކޮރޮޅިއާ ކާށި ލިބޭ. ހިތްތަލަ ގަސް ވެސް ހުންނާނެ ވަރަށް ބައިވަރު އިންދާފަ. އެކަމު ހިތްތަލަ ކޮނެވޭނީ އަހަރަކު އެއްފަހަރު ދެން ފަޅޯ އަސާރަ ހަދަނީ މިތަނުގައި ހައްދާ ފަޅޮލުން" ގަމީރާ ބުންޏެވެ.

ގަމީރާ ބުނި ގޮތުގައި ކާށިތެލާއި އަސާރަ ބަންދުކުރުމަށްވެސް އޭނާ ބިއްލޫރި ފުޅި ނުގަނެއެވެ. މިބާވަތްތައް ބަންދުކުރަން ބޭނުންކުރަނީ އެރަށާ ކައިރީގައި އޮންނަ ދިގުފަރު ރިސޯޓުން ހުސްކުރާ ފުޅިތަކެވެ. މިފުޅިތައް މިގޮތަށް ބޭނުންކުރަން ފެށީ ކުނީގެ ގޮތުގައި އެބާވަތްތައް އުކާލާތީ އޭގެ ބޭނުން ހިފުމުގެ ގޮތުންނެވެ.

ގަމީރާ ބުނި ގޮތުގައި އެންމެ ރަނގަޅަށް ވިކެނީ ކާށިތެލެވެ. ސަބަބެއްކަމަށް އޭނާ ބުނީ ލޯކަލް ޓުއަރިޒަމް ފުޅާވެގެން ދާތީ އެތަންތަނަށް އަންނަ މީހުން ގަންނާތީކަމަށެވެ. ކާށިތެޔޮ ވިއްކަން އަދި ފޮނުވަނީ މާލެއާއި ތޮއްޑޫއަށް ކަމަށާއި، ނަމަވެސް މި މާކެޓް ފުޅާ ކުރުމަށް ރިސޯޓްތަކާވެސް ވާހަކަ ދައްކަމުންދާ ކަމަށް ގަމީރާ ބުންޏެވެ.

ގަމީރާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަންހެނުންނަށް ކުރެވޭ މިފަދަ މަސައްކަތް ކުރާ މީހުން މަދުވުމެވެ. އެހެންކަމުން އަންނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް ދަނޑުވެރިކަމުގެ މައުލޫމާތު އުނގަންނައި ދިނުމަށް މަސައްކަތްތަކެއް ފެށުމަށް ގަމީރާ އަންނަނީ ތައްޔާރު ވަމުންނެވެ. އެގޮތުން އެންމެ ބޮޑު އަމާޒެއް ހުރީ އަންހެން ކަނބަލުންގެ ބާރުވެރިކަން މުޖުތަމައުގައި އިތުރު ކޮށް އެފަދަ އަންހެނުންނަށް ދަނޑުވެރިކަމުން ނަފާ ނެރެވޭނެ ގޮތްތަކެއް ހެދުމަށެވެ.

ކޮންމެ މީހަކުވެސް ކުރިއަށް ދިއުމަށް ބޭނުންވަނީ ގަނދައަޅާ މަސައްކަތް ކުރުމެވެ. މަތީ ސަނަދެއް ނެތްނަމަވެސް ކަމެއް ދަސްކޮށް ދިމާވާ ގޮންޖެހުންތަކާ އެކުވެސް އެކަމަކާ ކުރިމަތިލައި ހިތްވަރާ ކެތްތެރިކަމާއެކު ކުރިއަށް ދާނަމަ އެކަމެއް ހާސިލް ވާނެކަން ގަމީރާގެ މަސައްކަތުން ސާބިތުކޮށްދެއެވެ.