ރާއްޖޭގެ ޑިޖިޓަލް ވެކްސިން ކާޑު ރަސްމީކޮށް މާދަމާއިން ފެށިގެން ބޭނުންކުރަން ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިކާޑު ބޭނުންކޮށްގެން އެންމެ ފުރަތަމަ ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރަށެވެ.
ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ރާއްޖެއިން ސިންގަޕޫރާ ދެމެދު ކަރަންޓީންވުމަކާއި ދަތުރުކުރެވޭނެ އިންތިޒާމު ވަނީ އެކަމަށް ޚާއްސަ ޓްރެވެލް ލޭނެއް މެދުވެރިކޮށް މިހާރު ހަމަޖައްސާފައެވެ. މިގޮތަށް ދަތުރުކުރެވޭނީ މިނިސްޓްރީ އޮފް ހެލްތުން ޤާއިމުކޮށްފައިވާ ކޯވިޑްސޭފް ޕޯޓަލް މެދުވެރިކޮށް ލިބޭ ރަސްމީ ކޯވިޑް-19 ޑިޖިޓަލް ވެކްސިން ސެޓްފިކެޓް އޮންނަ ފަރާތްތަކަށްކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
މި ޕޯޓަލްއިން ކޯވިޑްސޭފް ސެޓިފިކެޓް ހޯދުމަށް ކޯވިޑްސޭފް.ގަވް.އެމްވީ އަށް އެމީހެއްގެ އައިޑީކާޑު ނަމްބަރާއި މޯބައިލް ނަމްބަރު ނުވަތަ އީމެއިލް މެދުވެރިކޮށް ލިންކަށް ވަނުމުން އެމީހެއްގެ ކޯވިޑްގެ ހާލަތު ފެނިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ޕީސީއާރް ޓެސްޓުގެ ނަތީޖާއާއި ކަރަންޓީނުގައި ހުރިނަމަ އެމަޢުލޫމާތާއި ވެކްސިންޖަހާފައިވާ ޑޯޒުގެ މަޢުލޫމާތުވެސް މިލިންކުން ލިބިގެންދެއެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ މިގޮތަށް ސިންގަޕޫރަށް ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކުން ޑިޖިޓަލް ވެކްސިން ސެޓިފިކެޓުގައި ހިމެނޭ ޝަރުތުތައް ފުރިހަމަވުމާއެކު 48 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓު ނަތީޖާއަކާއެކު ދަތުރުކުރެވޭނެކަމަށެވެ. އަދި ވެކްސިން ނުޖަހާ 12 އަހަރުގެ ނުވަތަ 12 އަހަރުން ދަށުގެ ކުޑަކުދިންނަށް މިޓްރެވެލް ލޭންގެ ދަށުން ދަތުރުކުރެވޭނީ އެކުދިންނަށް ކަނޑައެޅޭ ޝަރުތުތަކަށް އެއްބަސްވުމާއެކު ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ބޮޑު މީހަކާއެކުގައިކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
މިއީ ހެލްތު މިނިސްޓްރީއިން ޤާއިމުކޮށްފައިވާ ޑިޖިޓަލް ވެކްސިން ކާޑު ރަސްމީކޮށް ބޭރު ޤައުމެއްގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރުކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
ސިންގަޕޫރަކީ އެކި ބޭނުންތަކަށް ދިވެހިން ގިނަ ޢަދަދަކަށް ދަތުރުކުރާ ޤައުމެކެވެ.
ސިންގަޕޫރުގައި ވެކްސިން ޖެހޭ އާބާދީގެ %80 މީހުން މިހާރުވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އަދި %10 މީހުން ވަނީ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާފައެވެ. އެޤައުމުގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ތިންހާހުން މަތީގައި ހުރުމަށްފަހު މިހާރުވަނީ 500އިން ދަށަށް ޖެހިފައެވެ.