އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ، އައިއޭއީއޭ މެދުވެރިކޮށް ރޭޑިއޭޝަންގެ ރައްކާތެރިކަމާބެހޭ ގަވާއިދުތައް ހަރުދަނާކުރަން ދިވެހިރާއްޖޭން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
ސަލްމާ މިކަން ހާމަކުރެއްވީ މި މަހުގެ 14 އިން 18 އަށް އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސްގެ 70ވަނަ ރެގިއުލަރ ސެޝަންގެ ތެރެއިންނެވެ. މި ސެޝަންގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ޑރ. ސަލްމާ ރަޝީދެވެ.
އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސްގެ 70ވަނަ ރެގިއުލަރ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން އިއްވެވި ޤަރާރުގައި ޑރ. ސަލްމާ ރަޝީދު ވިދާޅުވީ 2025 ވަނަ އަހަރުގެ ޑިސެމްބަރ މަހު ދިވެހިރާއްޖެއިން އައިއޭއީއޭގެ މެންބަރަކަށް ވީ ފަހުން، އެ އެޖެންސީއާއެކު ހަރުދަނާ ގުޅުމެއް ގާއިމުކުމަށް މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި، މި މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ރާއްޖޭން އިސްކަންދޭ ކަންކަމާއި، މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުރިމަތިވަމުން އަންނަ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ކުރިމަތިވާ ޚާއްސަ ހާލަތްތަކަށް ރިއާޔަތްކޮށްގެންކަމަށެވެ.
ޑރ. ސަލްމާ ވަނީ އައިއޭއީއޭގެ "ރޭސް އޮފް ހޯޕް" އިނީޝިއޭޓިވް މެދުވެރިކޮށް ކެންސަރުގެ ފަރުވާއާ ގުޅިގެން ރާއްޖޭން ދޭ އިސްކަންކަމަށް، ވަކިން ޚާއްސަކޮށް ރާއްޖޭގެ ފުރަތަމަ ނޭޝަނަލް ކެންސަރު ހޮސްޕިޓަލަށް ބޭނުންވާނެ ގާބިލުކަން އިތުރުކުރުމާއި، ރޭޑިއޭޝަން ރައްކާތެރިކަމާބެހޭ ގަވާއިދުތައް ހަރުދަނާކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި ކަންޓްރީ ޕްރޮގްރާމް ފްރޭމްވޯކްގެ ޒަރީއާއިން ރާއްޖެއިން އައިއޭއީއޭގައި އިސްކަންދޭ ކަންކަން އިތުރަށް ތަފްސީލުކޮށްދިނުމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ސުލްހަވެރި، ރައްކާތެރި އަދި އަމާންގޮތެއްގައި ނިއުކްލިއަރ ސައިންސާއި ޓެކްނޮލޮޖީ ބޭނުންކުރުމަށް ރާއްޖެއިން ބާރުއަޅާކަންވެސް ޑރ. ސަލްމާ ފާހަގަކުރެއްވިއެވެ.
އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސަކީ އެ އެޖެންސީގެ ސިޔާސަތުތައް ކަނޑައަޅާ މައިގަނޑު ފޯރަމެވެ. މި ފޯރަމްގައި ކޮންމެ އަހަރަކުވެސް ހުރިހާ މެންބަރު ގައުމުތަކެއް އެއްވެ، އައިއޭއީއޭއިން ކުރާ މަސައްކަތްތައް މުރާޖަޢާކޮށް، އެޖެންސީގެ ބަޖެޓާއި ޕްރޮގްރާމްތައް ފާސްކުރެއެވެ. އަދި ނިއުކްލިއަރ ސައިންސާއި ޓެކްނޮލޮޖީ ސުލްހަވެރި ބޭނުންތަކަށް ބޭނުންކުރުމުގެ އިތުރުން، ނިއުކްލިއަރ ރައްކާތެރިކަމާއި، އަމާންކަމާއި، އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާބެހޭ ސިޔާސަތުތައް ކަނޑައަޅައެވެ.
މިއީ 4 ޑިސެމްބަރ 2025 ގައި ރާއްޖެއިން އެ ޖަމުޢިއްޔާގެ މެންބަރަކަށް ވީ ފަހުން، ޖެނެރަލް ކޮންފަރެންސްގެ ސެޝަނެއްގައި މެންބަރު ގައުމެއްގެ ހައިސިއްޔަތުން ބައިވެރިވާ ފުރަތަމަ ފަހަރެވެ.