ޚަބަރު

މަޑުއްވަރީ ބަނދަރުގެ ބޭރު ތޮށީގައި ހިލަ ޖެއްސުމުގެ މަސައްކަތް ފަށައިފި


ރ.މަޑުއްވަރީ ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން ބަނދަރުގެ ބޭރު ތޮށީގައި ހިލަ ޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ. މަޑުއްވަރީ ބަނދަރު ހެދުމުގެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ ބަނދަރު ހެދުމުގެ މަސައްކަތުގެ 90 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ.

މަޑުއްވަރީގައި އޮތް ބަނދަރު ކުޑަވެ އުޅަނދު ފަހަރު އެޅުމުގައި ދަތިތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. މަސްވެރިކަން ކުރާ ބޮޑެތި އޮޑި ދޯނިފަހަރު ގެންގުޅޭ މަޑުއްވަރީގައި އާ ބަނދަރެއް ތަރައްގީ ކުރުމުގެ މައިގަނޑު އެއްބޭނުމަކީވެސް މިއީ ކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އުޅަނދުފަހަރު ގިނަވެ ފަޅު ފުރިފައިވާ މަޑުއްވަރީގެ ބަނދަރުގެ ބޮޑުބައި އޮތީވެސް ހަލާކުވެފައެވެ.

ސަރުކާރުން މަޑުއްވަރީގައި 1200 ފޫޓަށް ވުރެ ބޮޑު ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ފަށާ މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. މަޑުއްވަރީގެ ދެކުނު ފަރާތުގައި ސަރުކާރުން ތަރައްގީ ކުރާ އާބަނދަރާއެކު ރަށުގެ އިޤްތިސާދު މިހާރަށް ވުރެ ރަނގަޅުވެގެންދާނެ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

މަޑުއްވަރީގައި ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ފަޅަށް ވަދެ ނުކުމެ ހެދުމަށް 7280 ކިއުބިކް މީޓަރުގެ ނެރެއްވަނީ ކަނޑާފައެވެ. އަދި 80400 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް 582 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި 411 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލާ 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް މި މަސައްކަތުގެ ދަށުން ކުރެވިގެންދާނެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ބަނދަރު ހިމެނޭ ސަރަހައްދުގައި 2840 މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި ނެރު ބައްތި އާއި މަގުބައްތި ހަރުކުރުންވެސް ހިމެނެއެވެ.

މަޑުއްވަރީ ބަނދަރު ހެދުމުގެ މިމަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ބޭރުތޮށީގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ބޮޑު ބައެއްގައި ހިލަ ޖައްސާ ނިމިފައިވާ ކަމަށްވެސް މަޑުއްވަރީ ކައުންސިލުން ވިދާޅުވެއެވެ. މަޑުއްވަރީ ކައުންސިލުން ބުނީ ބަނދަރު ނިމިގެންދާއިރު ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރުގެ ބޭނުން ކުރެވޭނެކަމަށެވެ. އެރަށު ރައްޔިތުން ބޭނުންވަނީ ބަނދަރުގެ ބޭރު ތޮށީގައިވެސް އޮޑި ދޯނިފަހަރު އަޅާ ބަނދަރުން ބޭރުތޮށްޓަށް އެރޭގޮތައް ބަނދަރުހެދުމަށެވެ.

މަޑުއްވަރީ ބަނދަރުގެ މަސައްކަތް މިއަހަރުގެ އޮކްޓޯބަރުމަހަށް ނިންމުމަށް އަމާޒު ހިފިނަމަވެސް އެކަން ނުވީ މަސައްކަތް ކުރުމުގައި ދިމާވި ގޮންޖެހުންތަކަކާ ގުޅިގެންކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގއިން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރީ 72.6 މިލިއަން ރުފިޔާއަށެވެ.