ޚަބަރު

އިންތިޚާބާ ގުޅޭގޮތުން ދައުރުވަމުން ދަނީ ޞައްޙަ ލިޔެކިއުންތަކެއް ނޫން، މައްސަލަ ބަލާނަން: ފުލުހުން


2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ހިނގައިދިޔައި ބައެއް މައްސަލަތަކާ ގުޅިގެން ފުލުހުންނަށް ދީފައިވާ ބަޔާންތަކެއްކަމަށްބުނެ ދައުރުވާ ލިޔުންތަކަކީ ސައްޙަ ލިޔުންތަކެއް ނޫންކަމަށާ، އެމައްސަލަ ބަލާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިނިދިޔަ ރިޔާސީ އިންތިޚާބުގައި ކުރިމަތިވި މައްސަލަތަކާ ގުޅިގެން ފުލުހުންނަށް ދީފައިވާ ބަޔާންތަކެއްކަމަށް ތުހުމަތުކުރާ ލިޔެކިއުންތަކެއް ދަނީ މީޑިއާގައި ދައުރުވަމުންނެވެ. އެ ލިޔުންތަކާ ގުޅޭގޮތުން ފުލުހުން މިރޭ ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ އެލިޔެކިޔުންތަކަކީ ފުލުހުންގެ ލިޔެކިޔުންތަކެއްކަމަށް ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްޙަނޫން ލިޔުންތަކެއްކަމަށެވެ.

އޭގައި ބޭނުންކޮށްފައިވާ ފޯމެޓާއި ބޭނުންކޮށްފައިވާ ސްޓޭމްޕުގައި ފުށުއެރުންތަކެއް އެބަހުރިކަމަށާ، ސްޓޭމްޕުގައި ފުލުހުންގެ މުއައްސަސާގެ ނަންކަމަށް ބޭނުންކޮށްފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް" މިނަމަކީ 2020ވަނަ އަހަރު ތަސްދީޤުކުރި ގާނޫނު ނަންބަރު 2020/34 ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނަށް ޢަމަލުކުރަން ފެށުމާގުޅިގެން ފުލުހުން ބޭނުންކުރަމުން އަންނަ ނަމެއްކަމަށެވެ. އަދި ކުރީގެ ސްޓޭމްޕުގައި ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް"ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، މިއީ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންގެ ޚިދުމަތަށްއޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ބޭނުމުގައި ބަޔަކު ހަދާފައިވާ ލިޔުންތަކެއްކަމުގައި ދެކޭކަމަށާ، އެއީ ޤަވާޢިދާ ޚިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުންތަކެއްކަމަށްވާތީ އެމައްސަލަ ތަހުގީގު ކުރާނެކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޮޑުތަފާތަކުން ކާމިޔާބުކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރަސްމީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައިވަނީ 134،705 ވޯޓެވެ.

މިއިންތިޚާބުގައި އޮޅުވާލުންތަކެއް ހުރިކަމަށްބުނެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބެއްލެވުމަށްފަހު، އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށް ކަނޑައަޅުއްވައި އިންތިޚާބު ބާޠިލްނުކުރާ ގޮތަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ. އަދި ފުލުހުންނާއި ސިފައިން މެދުވެރިކޮށް އިންތިޚާބުގައި ހިނގާފައިވާ ކަންކަން ތަޙްޤީގު ކޮށްދިނުމަށް މައްސަލަ ހުށަހެޅުއްވި ފަރާތުން އެދިފައިވީ ނަމަވެސް އެކަން އެގޮތަށް ތަޙްޤީގް ކޮށްދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ސްޕްރީމް ކޯޓުންވަނީ އޭރު ކަނޑައަޅާފައެވެ.

އެހެންނަމަވެސް މިހާރު އަނެއްކާވެސް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީންވަނީ މިމައްސަލަ އަލުން ތަހްގީގުކުރަން ގޮވާލާފައެވެ. އަދި ލީކުވެފައިވާކަމަށް ބުނާ ލިޔެކިއުންތަކުގެ މައްސަލަ ބަލައިދިނުމަށް އިދިކޮޅު ފަރާތްތަކުންވަނީ ގޮވާލާފައެވެ.