ޚަބަރު

ހިޔާ ފްލެޓްތަކުގެ ފިނިޝިން މުއްދަތު އިތުރުކުރުމަށް މަޝްވަރާކުރަނީ


ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ސަރުކަރާއެކު މަޝްވަރާ ކުރަމުންދާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމުމަށްޓަކައި ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެއެވެ. ފިނިޝިންގެ މަސައްކަތަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް އެޗްޑީސީން ސަރުކާރާއި މަޝްވަރާ ކުރަމުންދަނީ ބައެއް ޢާއިލާތަކަށް ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް ދަތިތަކާއި ކުރިމަތިވުމުންކަމަށެވެ. މިކަމުގައި ސަރުކާރާއެކު ކުރާ މަސައްކަތުން މިހާތަނަށް އަދި ވަކިގޮތެއް ނިމިފަިއ ނުވިނަމަވެސް، ވަރަށް އަވަހަށް މިކަމުގައި ގޮތެއް ނިމިގެންދާނެކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިންމައި، ކުލި ނެގުމަށް ކުރިން ހަމަޖެއްސީ އޮކްޓޯބަރު މަހުން ފެށިގެންނެވެ. ނަމަވެސް މުއްދަތަށްވެސް ފިނިޝިންގެ މަސައްކަތް ނުނިމުމުން މިއަހަރުގެ ނިޔަލަށް ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު މުއްދަތެއް ދެއްވާފައެވެ.

ހިޔާ ފްލެޓްތަކަށް ގިނަ ޢާއިލާތަކެއް ބަދަލުވެފައިވާއިރު، އެއްފަހަރާ ގިނަ ބަޔަކު ފްލެޓްތަކަށް ބަދަލުވުމުން ބޭނުންވާ ސާމާނު ލިބުމަށްވެސް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ކޯވިޑް-19އާއެކު ކުރިމަތި އިޤްތިޞާދީ ޙާލަތާ ގުޅިގެން ބައެއް ޢާއިލާތަކަށް ވަނީ މާލީގޮތުންވެސް ދަތިތަކާ ކުރިމަތިވެފައެވެ.

7000 ހައުސިންގ ޔުނިޓުގެ ގޮތުގައި މިމަޝްރޫޢުގެ މަސައްކަތް ފެށިނަމަވެސް ކޮމާޝަލް ބޭނުންތަކަށް ޓަވަރުތަކުން ފްލޯސްޕޭސް ކަނޑައެޅުމަށްފަހު ޔުނިޓްތަކުގެ ޢަދަދު ފަހުން ވަނީ 6720 ބަދަލުކޮށްފައެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާއާއެކު ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 8500 ރުފިޔާ ކަމަށް ސަރުކާރުންވަނީ ނިންމާފައެވެ.