ޚަބަރު

ކަނޑު ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުށްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫން: ރައީސް


ކަނޑު ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުށްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކ.ގާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް ކަނޑުގެ ސަރަހައްދު ބޮޑު ޖަޒީރާ ގައުމެއް ކަމުގައެވެ. އަދި މިސަރަހައްދަކީ ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާ، ކާރޫބާރޫގެ ތެރޭން އުފެދެމުންދާ ނުރައްކާތެރި އުދަބާނި، ރާއްޖޭގެ ހުރަހަށާ ދިގަށް ހިނގާ ސަރަހައްދެއްކަމުގައެވެ. ދުނިޔޭގެ ބޮޑެތި ޑްރަގު ނެޓްވޯކްތކާއި، ޓެރަރިޒަމް އާ އެހެނިހެން ވަގުވިޔަފާރިއާ، ހަތިޔާރުގެ ޣައިރު ގާނޫނީ މުޢާމަލާތަށް އިންޑިއާ ކަނޑުގައި އަބަދުގެ އޮންނަ ކަމުގައި ވިދާޅުވިއެވެ. މިކަން ކަމަކީ ޖާގަދީގެން ބަލަންތިބޭ ވަރަށްވުރެ ނުރައްކާތެރި ކަންތައްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރަޙައްދު ބެލެހެއްޓުމުގައި، އަވަށްޓެރި ގައުމުތަކާ ގުޅުން ބަދަހި ކުރުމަކީ މިދެންނެވި މީހުން ރުހޭނެ ކަމެއް ނޫން. ދިވެހިރާއްޖޭގެ ސަރަހައްދު، އެއްގަމާ ކަނޑާ ވައިގެ މަގުން ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުއްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫން. ދިވެހިދައުލަތުގެ ދަށުގައިވާ އެއްގަމާ ކަނޑާ ވައިގެ ސަރަހައްދު މިދެންނެވި ބޭނުންތަކަށް ދުލެއް ނުކުރެވޭނެ. ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގުލާލަކީ މަސްދޯނި ފަހަރަށްވުރެ ޑްރަގްބޯޓް ފަހަރު ގިނަވާން ދޫކޮއްލުމެއް ނޫން. އެކަމެއް އަޅުގަނޑުމެން ނުކުރާނަން. ކުރިޔަކަ ނުވެސްދޭނަން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރާ ހަވާލުވީއިރު، މަސްވެރިންގެ އެންމެ ބޮޑު އަނެއް ޝަކުވާއަކީ ބާނާމަސް ނުކިރި އުކާލަންޖެހުމުގެ ޝަކުވާ ކަމުގައެވެ. އަދި މިއަދު ސަރުކާރުން ކުރަމުންދަނީ އެޖާގަތައް އިތުރުކުރުމުގެ މަސައްކަތް ކަމުގައި ރައީސް ވިދާޅުވިއެވެ.

އެގޮތުން މިފްކޯއަށް މަސް ގަތުމުގެ ކެޕޭސިޓީ މިހާރު ވަނީ އިތުރުކުރެވިފައި ކަމަށާއި، ދުވާލަކު 100 ޓަނު މަސްފިނި ކުރެވޭ، އަދި 300 ޓަނު މަސް ސްޓޯރ ކުރެވޭ ބޯޓެއް މުޅިން އަލަށް ހޯދާ ވަނީ ޚިދުމަތަށް ނެރެން ތައްޔާރުވެފައިކަމަށް ރައީސްް ވިދާޅުވިއެވެ. އަދި މަސް އެކްސްޕޯރޓް ކުރުމަށް 2400 ޓަނުގެ ރީފާރ ކެރިއަރެއް ގަނެ، މިފްކޯއިން ވަނީ ދާދިފަހުން ރާއްޖެގެނެސްފައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނިމެންމިދާ 2021 ވަނަ އަހަރަކީ ރެކޯޑް އަދަދަކަށް މިފްކޯއަށް މަސް ކިރާފައިވާ އަހަރަކަށް ވެގެންދާނެކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް 50،000 މެޓްރިކް ޓަނަށް ވުރެ ގިނަމަސް މިފްކޯއަށް ވަނީ ކިރާފައި ކަމަށާއި، މީގެއިން 775 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދެވިފައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަހުގެ ސިނާއަތް ފުޅާކޮށް، އޭގެ ނަފާ އިތުރުކުރެވޭނީ ހަމައެކަނި ރޯމަސް އެކްސްޕޯޓް ކުރުމުގެ ވިސްނުން ދޫކޮށްލައި، އޭގެ ބަދަލުގައި ބާނާމަހަށް އެކުވި-އަގެއް ލިއްބައިދެވޭނެ ވެލިއުއެޑެޑް އުފެއްދުންތަކުގެ ގޮތުގައި މަސް އެކްސްޕޯޓް ކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިންނަށް އަވަހަށް ފައިސާދިނުން އެއީ، މިސަރުކާރުން އެންމެބޮޑު އިސްކަމެއް ދެއްވާ ކަންތައް ކަމުގައެވެ. ސަބަބަކީ މި ސަރުކާރު ވެރިކަމަށް އައި އިރު، މަސްވެރިން އެންމެ ބޮޑަށް ކުރަމުން އައި އެއް ޝަކުވާއަކީ، ކިރާ މަހަށް، އަވަހަށް ފައިސާ ނުލިބުމުގެ ޝަކުވާކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތަށް މިލިއަން ރުފިޔާއެއް ހުރީ ނުދީ. ބެޔަސް ނުދީ - އަދިހަމަ ނުބެޔަސް ނުދީ. އަޅުގަނޑުމެންގެ ސިޔާސަތަކަށްވީ، މަސް ގަތުމަށްފަހު ދޭންޖެހޭ ފައިސާ ދެވޭނެ އިންތިޒާމު ނިޒާމީ ގޮތެއްގައި ހަމަޖެއްސުން. ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާދީ ޚަލާޞް ކުރުން. މަސްވެރިންނަށް ފައިސާ ނުދީ، އެފައިސާ ވެސް ވަކި އެކައުންޓަކަށް ޖަމާކޮއްގެން، އޭގެ މަންފާ ނުހޯދުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަމާއި ހަވާލުވިއިރު މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 5.39 މިލިއަން ރުފިޔާ ހުރީ ނުދީ ހުރިކަމަށެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ، ނުދީ ހުރި މަސްވެރިންގެ ޙައްގު، ޙަލާލު މިދެންނެވި ފައިސާ، ދީޚަލާސް ކުރުންކަމަށާއި އެކަން މިއަދު ހާސިލް ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.