މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ކުރީގެ ސީއީއޯ މުޙައްމަދު ޖުނައިދުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ނިންމައިފިއެވެ.
އެ ކޮމިޝަނުން މި ދައުވާ ކުރުމަށް ނިންމާފައިވަނީ އޭސީ ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލާ ގުޅިގެންނެވެ. މި މައްސަލައިގައި ޖުނައިދުގެ އިތުރުން އެމްޕީއެލްގެ ކުރީގެ މުވައްޒަފެއްގެ މައްޗަށްވެސް ދައުވާ ކުރުމަށް ވަނީ ނިންމަވާފައެވެ.
އޭސީސީން ވިދާޅުވީ 2016 އަދި 2017 ވަނަ އަހަރު އެމްޕީއެލް އިން 18 އޭސީ ގަތުމުގައި އަމަލުކޮށްފައިވަނީ އޭރު އެ ކުންފުނިން ޢަމަލުކުރަމުންގެންދިޔަ، ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރަންޖެހޭ ސްޓްރެޓެޖީ އާއި ޤަވާއިދާ ޚިލާފަށް ކަމަށެވެ.
އާންމުކޮށް އިޢުލާންކުރުމެއްނެތި އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ ނުލައި، އެ މަސައްކަތުގެ ތަޖުރިބާ ލިބިފައިނުވާ މި މައްސަލައިގައި ތުހުމަތުކުރާ ފަރާތްތަކާ ގުޅުން އޮތް އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުން، އެދުވަސްވަރު މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި އޭސީ ގަނެފައިވާ ކަމަށް އޭސީސީން ވިދާޅުވިއެވެ.
އޭސީސީން ވިދާޅުވެފައިވާ ގޮތުގައި އެ އޭސީތައް ގަނެފައިވަނީ 1,083,998.00 ރުފިޔާއަށެވެ. އެހެންކަމުން އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވަން ނިންމާފައިވަނީ، އެމްޕީއެލްގެ އޭރުގެ ސީއީއޯ މުޙައްމަދު ޖުނައިދުގެ އިތުރުން އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ހެޑްގެ މަޤާމުގައި އޭރު ހުރި ޢަބްދުލްވައްހާބުގެ މައްޗަށެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހެޅުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.