ޚަބަރު

ވެންޓިލޭޓަރުތަކުގެ މައްސަލަ އިސްލާހުކުރުމަށް އަނެއްކާވެސް އޭސީސީއަށް ފޮނުވާލައިފި


ކޯވިޑާ ގުޅިގެން ހެލްތް މިނިސްޓްރީން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލަ، އިސްލާހު ކުރުމަށްފަހު އަލުން ހުށަހެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އަނބުރައި އޭސީސީއަށް ފޮނުވާލައިފިއެވެ.

ވެންޓިލޭޓަރު މައްސަލާގައި 2 ވަނަ ފަހަރަށް ދައުވާ އުފުލާފައިވަނީ ކުރިންވެސް ދަޢުވާކުރަން އެދުނު 11 މީހުންގެ މައްޗަށެވެ. މިމައްސަލަ އަލުން ޕީޖީއަށް ފޮނުވީ ތަޙުޤީޤަށް ފާހަގަކުރެވުނު އިތުރު ކަންތައްތައް ހިމަނާ އިތުރު ދަޢުވާތަކާއި އެކުކަމަށްވެސް އޭސީސީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލަ އަނބުރާ ފޮނުވާލީ އިސްލާހުކުރަންޖެހޭ ކަންކަން ހުރުމުން ކަމަށެވެ. އަދި އިސްލާހު ތަކަށްފަހު އަލުން މައްސަލަ ހުށަހެޅުމަށް ދަންނަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑްގެ ފަރުވާއަށް ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ބަޔަކާއެވެ. މި މައްސަލާގެ ތަޙުޤީޤު ނިންމާ އެސީސީން ދައުވާކުރަން ފޮނުވީ އޭރުގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑްކޮމެޓީގައި ހިމެނޭ ބައެއް މެމްބަރުންނާއި މިނިސްޓްރީގެ އިސް ބައެއް ވެރިންގެ މައްޗަށެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދިވެހި ދައުލަތުން 34 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި ނަމަވެސް އޭގެތެރެއިން ލިބިފައިވަނީ މަދު އެއްޗެކެވެ.