ޚަބަރު

"މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ"


  • "މޯލްޑިވްސް 2.0" އިފްތިތާޙުކުރީ 9 މެއި 2025ގައި

  • ޤާނޫނުތައް ހެދުމަށް މަޖިލީހަށް ވަނީ ފޮނުވާފައި

ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ މޯލްޑިވްސް 2.0 މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރި ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް ޕޮޑްކާސްޓް"ގައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހުއެވެ. މިއީ ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ މޯލްޑިވްސް 2.0 މަޝްރޫޢު ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން މިކަމާއި ގުޅިގެން ހަދަންޖެހޭ ޤާނޫނުތައް ހެދުމަށްޓަކައި މިހާރު މަޖިލީހަށް ފޮނުވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ އެއްވެސް މުވައްސަސާއެއް މިކަމުން އިސްތިސްނާއެއް ނުވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މޯލްޑިވްސް 2.0ގެ ސަބަބުން ދައުލަތަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އަދި އެންމެ ބޮޑު ކަމިޔާބީއަކަށްވާނީ ކޮރަޕްޝަންގެ ވަބާ ނައްތާލުންކަން ރައީސް ފާހަގަކުރެއްވިއެވެ.

"ހުރިހާ ފަރާތަކުން ބައިވެރިވެގެން ޑިޖިޓަލައިޒޭޝަންގެ މި ޕްރޮގްރާމް ކުރިއަށްދާނީ. ބޭނުމަކީ މުޅި މުޖްތަމައުން ކޮރަޕްޝަންގެ ވަބާ ނައްތާލުން އެއްކަމަކަށް. އެފިޝިއަންޓް ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ޑެލިވަރކޮށްދިނުން. ދެފުއްފެންނަ ނިޒާމެއް ގާއިމްކުރުން. އެހެންވީމަ މިކަންކަން ހާސިލްކުރުމުގައި އެންމެން ބައިވެރިވާންޖެހޭ. ހަމައެއާއިއެކީގައި ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލު ފަސޭހަކޮށްދިނުން. އެހެންވީމަ މިހުރިހައިކަމެއް ހާސިލްކުރުމުގައި މިކަން މި ކުރިއަށްގެންދަނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ މަޝްރޫޢުއާއިއެކު ކައުންސިލްތައް ބާރުވެރިކުރެވިގެންދާނެކަމަށެވެ. މިއީ ޚިދުމަތްދޭ ފަރާތްތަކާއި އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށްވެސް ފަސޭހަވެގެންދާނެކަމެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ކައުންސިލްތަކުގައި ހުންނާނެ ވަރަށް ގިނަ ކުރެހުން. ހުރެދާނެ މީގެ 100 އަހަރު ކުރީގެ ކުރެހުމެއްވެސް ބަލަންޖެހިދާނެ ކުއްލިއަކަށްވެސް. އެ އިމާރާތަށް ބަދަލެއްގެންނަން ޖެހުނީ އެ ކުރެހުމެއް ހޯދަން އެ މުވައްޒަފު ގޮއްސަ ކުރެހުން ނަގަން އަތްލައިފިއްޔާ ވީދޭ ކަހަލަ އެއްޗެހި އެ އެންމެ ރައްކާތެރިގޮތަކަށް ޑިޖިޓަލްކުރެވި އެ ނިޒާމު ގާއިމްކުރެވުނީމަ މުވައްޒަފު އިންނަތާ އިނދެގެން ކުރެހުން ހޯދާލައިގެން ކުރަންޖެހޭ މަސައްކަތް ކުރެވުނީމަ މުވައްޒަފަށްވެސް ފަސޭހަވީ ޚިދުމަތް ލިބިގަންނަ އާންމު ރައްޔިތައްވެސް ފަސޭހަވީ." ރައީސް ވިދާޅުވިއެވެ.

"މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. މިއީ އިތުބާރުހިފޭ، ސަލާމަތްތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް، ފޯރުކޮށްދެވޭނެ ޑިޖިޓަލް ގަވަރނަންސްގެ ނިޒާމެއް ގާއިމުކުރުމަށް ހުށަހެޅުއްވި ބިލެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ބިލާއިއެކު ނަތީޖާ ނެރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ސިއްހީ ދާއިރާ މިސާލަކަށް ނަންގަވާފައެވެ. ރައީސް ވިދާޅުވީ މޯލްޑިވްސް 2.0 އަށް އަންނަ ބަދަލުތަކުގެ ތެރެއިން ސިއްހީ ނިޒާމަށް އަންނަ ކުރިއެރުން ހުރިހާ ރައްޔިތުންނަށްވެސް އިހްސާސް ކުރެވޭނެ ކަމަށެވެ. އެގޮތުން ޑިޖިޓަލް ހެލްތު ސަރވިސްއެއްގެ ތެރެއިން އަންނަންޖެހޭ އެކިކަހަލަ ބަދަލުތައް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ އިތުރުން މޯލްޑިވްސް 2.0އާއެކު ކުދި ވިޔަފާރިތަކަށް މާލީގޮތުން ބޭނުންވާ އެހީތެރިކަން ލިބުމަށް މަގު ފަހިވެ، ދުނިޔޭގެ ބާޒާރުތަކާއި ގުޅާލެވޭނެ ކަމަށްވެސް ސަރުކާރުން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާޙީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙުކުރި "މޯލްޑިވްސް 2.0" ޕްރޮގްރާމަކީ، ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒު ކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ސަބަބުން ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.