ރާއްޖޭގެ ކައުންސިލްތައް އޮޑިޓް ކުރުމަށްޓަކައި، ދިވެހި 8 އޮޑިޓް ފާމަކާ ޙަވާލު ކުރައްވައިފިއެވެ. އޮޑިޓް އޮފީހުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާގައި އެއޮފީހުން ވަނީ މިމަސައްކަތް ޙަވާލުކުރެއްވި ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
ރާއްޖޭގެ އިދާރީ ދާއިރާތަށް ލަމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު، ކައުންސިލްތަކަށް މާލީ ބޮޑެތި ބާރުތަކެއް ވަނީ ދޫކޮށްލާފައެވެ. ދައުލަތުގެ ބަޖެޓުން ގްރާންޓުގެ ގޮތުގައި 1.5 ބިލިޔަން ރުފިޔާ ހަމަޖައްސާފައިވާއިރު، ކައުންސިލްތަކުން އަމިއްލައަށްވެސް މާލީ ތަނަވަސްކަން ހޯދޭނެ ގޮތަަށް ޤާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.
ކައުންސިލްތަކުގެ މާލީ ހިސާބު ބަލަހައްޓާގޮތް އޮޑިޓްކުރުމަށް މިއަދު އެކުލަވާލި އެއްބަސްވުންތަކުގެ ދަށުން އެކި ކްލަސްޓާތަކަށް ބަހާލައިގެން 8 އޮޑިޓްފާމާ ވަނީ އޮޑިޓް ކުރަން ޙަވާލުކޮށްފައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު ޢަލީ ނިޔާޒު ވިދާޅުވީ ޤާނޫނަށް ސަރުކާރުން ބަދަލު ގެނައުމުގެ އެންމެބޮޑު ބޭނުމަކީވެސް ކައުންސިލްތައް ބާރުވެރިކޮށް ރައްޔިތުން ފުދުން ތެރި ބަޔަކަށް ހެދުމަށްކަމަށެވެ.
މީގެކުރިން ކައުންސިލްތަކަށް ދެމުންދިޔަ ބަޖެޓްގެ ދެގުނަ ބޮޑުކޮށް ދައުލަތުގެ ބަޖެޓުންވެސް ފައިސާ ދޭން ކަނޑައަޅައި، މަރުކަޒީ ގޮތުން ހިފެހެއްޓިފައިވާ ބާރުތައް ދޫކޮށްލުމަކީ ކައުންސިލްތައް އިތުރަށް ފުދުންތެރިވެގެންދާނެ ކަމެއްކަމަށް ޢަލީ ނިޔާޒު ވިދާޅުވިއެވެ. އަދި ކައުންސިލްތަކުން ކުރާ ޚަރަދުތަކަކީ ދެފުށްފެންނަ ގޮތަކަށް ކުރެވޭ ޚަރަދަކަށް ހެދުމަށްޓަކައި، ރަނގަޅު އޮޑިޓެއް ހެދޭފަދަ ނިޒާމެއް އޮޑިޓް އޮފީހުން މިއަދު ގާއިމް ކުރިކަމީ ލިބިގެންދާ ވަރަށްބޮޑު ހިތްހަމަޖެހުމެއްކަމަށް ޢަލީ ނިޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިވަނީ މީގެ ކުރިން 600 މިލިޔަނާއި، 800 މިލިޔަނައި ދޭތެރޭ ދެމުންދިޔަ ފައިސާގެ އަދަދު 1.5 ބިލިޔަނަށް މަތިކޮށްފައި. އިތުރަށްވެސް މާލީ ބާރުވެރިކަން ހޯދައި އަމިއްލައަށް ތަނަވަސްކަން ހޯދޭނެ ގޮތަށް ޤާނޫނަށް ވަނީ ބަދަލު ގެނެސްފައި. މިބަދަލުތަކާއެކު މިއަދު އޮޑިޓް އޮފީހުން މިކަންކަން އޮޑިޓް ކުރެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ވަރަށް އުފާކުރާ ކަމެއް." އަލީ ނިޔާޒު ވިދާޅުވިއެވެ.
އޮޑިޓް އޮފީހަށް 73 އަހަރު ފުރުނުދުވަހު ބޭއްވި މިރަސްމިއޔާތުގައި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ ކައުންސިލްތައް އޮޑިޓް ކުރުމަށްޓަކައި ދިވެހި އޮޑިޓް ފާމްތަކާ ޙަވާލު ކުރުމުގެ އެންމެބޮޑު މަގުސަދަކީ މިކަމަކީ ހަމައެކަނި އޮޑިޓް އޮފީހަށް އެކަނި ކުރެވޭނެ މަސައްކަތަކަށް ނުވުމުން ކަމަށެވެ. ނަމަވެސް އޮޑިޓް ފާމްތަކުން ކުރާ އޮޑިޓްތައް ނިމުމުން އޮޑިޓް އޮފީހުން އެރިޕޯޓްތައް ބަލާނެކަމަށެވެ.
ކައުންސިލްތަކަށް ދައުލަތުން ދޭ މާލީ އެހީއާއި، ކައުންސިލްތަކަށް ލިބޭ މާލީ އެހީތަކުގެ އިތުރުން ކައުންސިލްތަކުން ހޯދާ އެހީތައް ރަނގަޅަށް އޮޑިޓް ކުރެވޭނެ ގޮތެއް އޮތުމަކީ އެއޮފީހަށް މަތިވެފައިވާ ޤާނޫނީ ޒިންމާތަކުގެ ތެރެއިން ވަރަށް އިސްކަންދޭނެ ކަމެއްކަމަށް ނިޔާޒީ ވިދާޅުވިއެވެ. އަދި ކައުންސިލްތަކުންވެސް ފައިސާ ޚަރަދުކުރުމުގައި މާލިއްޔަތު ޤަވާއިޢިދުތަކާ އެއްގޮތަށް ކަންކަން ކުރުމަކީ މުހިންމު ކަމެއްކަމަށް ނިޔާޒީ ވިދާޅުވިއެވެ.
މިހަފްލާފައި ލޯކަލް ގަވަރުމެންޓް އޮތޯރިޓީގެ ރައީސް އަފްޝަން ލަތީފްވެސް ވަނީ ކައުންސިލްތައް އޮޑިޓް ކުރުމަށްޓަކައި މިގެނެވުނު ބަދަލާއިއެކު ކައުންސިލްތަކުން ކުރެވޭ ޚަރަދުތައް ފަސޭހައިން ދެނެގަނެވޭ ކަމަށް ވިދާޅުވެފައެވެ. މިއީ ކައުންސިލްތައް އޮޑިޓް ކުރުމުގެ މަސައްކަތް އޮޑިޓްފާމްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދެވޭ ފުރަތަމަ ފަހަރެވެ.