ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވައިގެ މަގުން ޙަމަލާތަކެއް އަމާޒުވެދާނެ ކަމުގެ އިންޒާރު ދީ، ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުމަށްފަހު، އެ ސަހަރަށް އޮތް ނުރައްކަލުގެ ޙާލަތު މިހާރު ނިމުމަކަށް ގެނެވިފައިވާކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
މިއީ މިދިޔަ ޖުލައި މަހު ޔަމަނުގައި ޙަރަކާތްތެރިވާ ޙޫޘީ ހަނގުރާމަވެރިން ސަޢުދީއާ ދެކޮޅަށް ދެމުންދާ ޙަމަލާތައް ވަރުގަދަކޮށް، ކަނޑުގެ ޙިޞާރެއް އިޢުލާނުކުރި ފަހުން ރިޔާޟުގައި މިފަދަ ކުއްލި ނުރައްކަލުގެ އިންޒާރެއް ދިން ފުރަތަމަ ފަހަރެވެ.
ސަޢުދީ ޢަރަބިއްޔާގެ އަސްކަރިއްޔާއާއި އީރާނުގެ މަދަދު ލިބޭ ޙޫޘީންނާ ދެމެދު ކުރެވެމުންދާ ހަނގުރާމަ އިތުރަށް ހޫނުވަމުންދާއިރު، ސަޢުދީގެ މަދަނީ ދިފާޢުން ވަނީ ހުކުރު ދުވަހުގެ ރެއާއި ހޮނިހިރު ދުވަހުގެ ހެނދުނު، ވެރިރަށާއި އިތުރު ސަރަޙައްދުތަކަށް ކުއްލި ނުރައްކަލުގެ އިންޒާރުގެ މެސެޖުތައް ފޮނުވައިފައެވެ.
ރޮއިޓަރސް އަދި އޭއެފްޕީ ފަދަ ބައިނަލްއަޤްވާމީ ނޫސް އިދާރާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވެރިރަށުގެ އެކި ހިސާބުތަކުން ވަނީ ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައެވެ. ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ފަހުން ކަށަވަރުކޮށްދިން ގޮތުގައި، މިހާރު އެ ނުރައްކަލުގެ ޙާލަތު ވަނީ އުވާލެވިފައެވެ. އަދި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، ޢާންމު ތަންތަނަށް އެއްވެ ނޫޅުމަށް ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ކުރިމަތިލުންތައް އިތުރަށް ފުޅާވެގެން ދިޔައީ، އޭޝިއާގެ ޤައުމުތަކަށް މުދާ އެކްސްޕޯޓުކުރުމަށް ސަޢުދީން ބޭނުންކުރާ މައިގަނޑު ކަނޑުގެ މަގެއް ކަމުގައިވާ މޮޚާގެ ބަނދަރު ސަހަރާއި ޕެރިމް އައިލެންޑުގެ ކޮންޓްރޯލް ޙޫޘީންގެ ދަށަށް ގެންދިއުމާ ގުޅިގެންނެވެ.
އެމެރިކާއާއި ޔަހޫދީ ދައުލަތުން އީރާނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ޙަރަކާތްތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅި ބަންދުވުމުން، ސަޢުދީގެ އުޅަނދުތަކުން ތެޔޮ އެކްސްޕޯޓުކުރުމަށް މައިގަނޑު ގޮތެއްގައި ބަރޯސާވަމުން އަންނަނީ ރަތްކަނޑުގެ ސަރަޙައްދަށެވެ.
ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ޙޫޘީން ވަނީ ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން ސަޢުދީގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާތަކުގައި ރޯވި އަލިފާނުގެ ސަބަބުން ބައެއް މަރުކަޒުތަކުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރައި، ބައިނަލްއަޤްވާމީ ފެންވަރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި، މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން ވަނީ ޙޫޘީންނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތަކެއް އަޅައިދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުން އެދިވަޑައިގެންފައެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާ ސީދާގޮތެއްގައި މި ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް ޓްރަމްޕް ދެކޮޅުހައްދަވައި، އޭގެ ބަދަލުގައި ޖާސޫސީ މަޢުލޫމާތާއި ޙޫޘީންގެ މުހިންމު އަމާޒުތައް ދެނެގަތުމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހުށަހަޅުއްވައިފައެވެ.
ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ސަރަޙައްދީ ޞުލްޙަމަސަލަސްކަމާ ގުޅޭގޮތުން ސަޢުދީއާއި ޔަމަނުގެ ސަރުކާރާއެކު މެދުކެނޑުމެއްނެތި މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.
މި މައްސަލައިގައި އދގެ ސަލާމަތީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި، އިޤްތިޞާދީ ގޮތުން ދަތިކުރުމުގެ ބޭނުމުގައި ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރަމުންދާ ޙޫޘީންނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ސަޢުދީ އަދި ޔަމަން ސަރުކާރުން ވަނީ ގޮވާލައިފައެވެ. މީގެއިތުރުން، ދުނިޔޭގެ ވިޔަފާރިއާއި ކަނޑުދަތުރުފަތުރަށް ހުރަސްއެޅުނަ ނުދިނުމަށްޓަކައި، ރަތްކަނޑުގެ ސަރަޙައްދުގައި ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެ މަޖިލީހުގެ މެންބަރުން ވަނީ އިއްތިފާޤުވެފައެވެ.
2014ވަނަ އަހަރު ޙޫޘީ ހަނގުރާމަވެރިން ޔަމަނުގެ ވެރިރަށް ޞަންޢާ ހިފައި، ޤާނޫނީ ސަރުކާރު ވައްޓާލުމާ ގުޅިގެން ފެށުނު ދާޚިލީ ހަނގުރާމައިގެ ތެރެއަށް، 2015ގައި ސަޢުދީ އިސްވެ އުފެއްދި އަސްކަރީ އިއްތިޙާދުން ވަނުމާއެކު މުޅި ސަރަޙައްދުގެ ޙާލަތު ވަނީ ނުހަނު ގޯސްވެފައެވެ.
އދގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ހަނގުރާމައިގައި މިހާތަނަށް 150،000އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 22 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އިންސާނީ އެހީތެރިކަމަށް ބޭނުންވެފައެވެ. މިއީ ފަހުގެ ތާރީޚެއްގައި މުޅި ދުނިޔެވެސް ދެކެފައިނުވާ ފަދަ ބޮޑު އިންސާނީ ކާރިސާއެކެވެ.