ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ޕީއެސްއައިޕީއަށާއި ބައެއް މުއައްސަސާތަކުގެ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއްގެ ގޮތުގައި ކޮމިޓީން ފާސްކޮށްފިއެވެ. ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 24 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެކަމަށް ބެއްލެވުމަށްފަހުއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާލިއިރު މިވަނީ ބަޖެޓްގެ ޖުމްލަ ޢަދަދަށާއި ޚަރަދަށް ނިސްބަތުން ކުޑަ އިތުރުވުމެއް އައިސްފައެވެ. މިގޮތުން ކޮމިޓިން ގެނައި ބަދަލަކީ ބަޖެޓްގެ ޚަރަދު 34 ބިލިއަން ރުފިޔާއިން 34.10އަށް އިތުރުކުރުމާއި، ބަޖެޓްގެ ޖުމްލަ ޢަދަދު 36.92އިން 36.99އަށް އިތުރުކުރުމެވެ. މިގޮތަށް ފާސްކުރީ ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުންނެވެ.
ބަޖެޓަށް ބަދަލު އައިސްފައިވަނީ ބައެއް ރަށްރަށުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކަށާއި، ބައެއް މުއައްސަސާގެ ބަޖެޓަށް ފައިސާ އިތުރުކޮށްދިނުމުންނެވެ. އެގޮތުން 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމުލަ 57.4 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްދީފައެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ޚާއްސަ ބަޖެޓާއި 7 މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާ ކޮމިޓީން ވަނީ އިތުރުކޮށްދީފައެވެ.
ބަޖެޓް ކޮމިޓިން ވަނީ ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާގޮތަށް އަންނަ އަހަރު 24 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެކަމަށްވެސް ނިންމަވާފައެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވާ ދަޢުލަތުގެ ބަޖެޓަކީ ރާއްޖޭގައި ޒާމާނުއްސުރެ މިހާތަނަށް އުފެދިފައި ހުރި ގިނަ މައްސަލަތަކަށް ހައްލެއް ހޯދުމަށް ހުށަހަޅާ ބަޖެޓެއްކަަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ. ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ދަޢުލަތުގެ ބަޖެޓުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަލާލި ކަމުގައިވިއަސް މިއީ، އުއްމީދީ ބަޖެޓެއް ކަމަށެވެ.
އެގޮތުން ބަޖެޓުގެ ތެރެއިން ޢުމްރާނީ ތަރައްޤީއާއި، ވަސީލަތްތައް އިތުރު ކުރުމާއި އިންސާނީ ވަސީލަތް ބިނާކުރުމަށް މަސައްކަތް ކުރެވިގެން ދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއީ ޒަމާންވީ ގިނަ މައްސަލަތަކަށް %100 ހައްލެއް ހޯދޭނެ ބަޖެޓެއް ކަމުގައި ނުވިނަމަވެސް ގިނަ މައްސަލަތަކަށް ހައްލެއް ހޯދުމަށް ހުށަހަޅާ ބަޖެޓަކަށް މިބަޖެޓު ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.