ޚަބަރު

ޓްރާންސްޕޯޓްގެ އިސްވެރިންނަށް ދައުވާ ނުކުރަން ޕީޖީ ނިންމައިފި


މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކުރުމުގެ މަސައްކަތް ޙަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދިންކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުންނަށް ދައުވާކުރުމަށް އޭސީސީން ފޮނުވި މައްސަލާގައި ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމަވައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ދެ ނާއިބުން ހިމެނޭގޮތަށް އެމިނިސްޓްރީގެ ބިޑް ކޮމިޓީގެ 6 މެންބަރެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

ޕީޖީ އޮފީހުން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އެ މައްސަލައިގައި މީހެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާއެއް ކުރެވެން ނެތް ކަމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް އެއީ ކީއްވެގެންކަމެއް ޕީޖީ ހާމައެއް ނުކުރައްވައެވެ. ޕީޖީ ވިދާޅުވީ އެކަން އޭސީސީއަށްވެސް އަންގާފައިވާކަމަށެވެ.

މިމައްސަލައަކީ ދިވެހިރާއްޖޭގައި މެޝިން ރީޑަބަލް ނަންބަރު ބޯޑު ބޭނުންކުރުމަށްޓަކައި، އެ ނަންބަރު ބޯޑުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން 31 ޑިސެންބަރު 2019 ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ބިޑުތައް ބާޠިލްކުރުމަށްފަހު ވަކި ފަރާތަކަށް ބިޑު އެވޯޑްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ ހުށަހެޅުމުން އޭސީސީން ތަހުޤީޤްކުރި މައްސަލައެކެވެ.

މިމައްސަލައިގައި ދައުވާކުރަން އޭސީސީން ފޮނުވި މީހުންގެ ތެރޭގައި ހިމެނެނީ،
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުގެ ނައިބު ޝިމާޛު ޢަލީ
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުގެ ނައިބު ޙަމަދު ޢަބްދުލްޣަނީ
ޢަލީ އިކްރާމް (ވައިލެޓްވިލާ/ ވ.ކެޔޮދޫ)
މުޙައްމަދު ނިޒާރު އާދަމް (ގުލްބަކާގެ/ ނ.މަނަދޫ)
މަރްޔަމް ސަމާޙަތު (ފަތިސްހަނދުވަރުގެ/ ހއ.ހޯރަފުށި)
މަރްޔަމް ތަސްލީމާ (ނަންބަރު ރސ 9538 / ކ.މާލެ) ގެ މައްޗަށެވެ.

ދިވެހިރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ބޭނުންކުރުމަށް މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިޢުލާނަށް 3 ކުންފުންޏަކުން ބިޑް ހުށަހަޅާފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑު ކޮމިޓީން އެ ޕްރޮޖެކްޓް ހަވާލުކުރުމަށް ނިންމާފައިވަނީ ބިޑު އިވެލުއޭޝަން ކްރައިޓީރިއާ އާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން ދެވަނަ އަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށްކަން ތަހުޤީގަށް އެނގިފައިވާކަމަށް އޭސީސީން ވިދާޅުވިއެވެ.

އަދި ތަހުޤީޤުން ބެލިބެލުމުން، އިޢުލާނާއެކު އާންމުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަޤުސަދުގައިކަން ތަޙްޤީޤަށް ސާބިތުވާކަމަށް އޭސީސީން ވިދާޅުވިއެވެ.