ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް މޯލްޑިވްސް ޕޮލިޓެކްނިކަށް ޒިޔާރަތްކުރައްވައި، އެތަނުގައި ކޯސްތައް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ބައްލަވައިލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ޕޮލިޓެކްނިކްއަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެތަނުގައި ކޯސްތައް ކުރިއަށްގެންދާ ތަންތަނަށް ވަޑައިގެން ބައްލަވާލައްވާފައެވެ. އަދި އެވަގުތު ޕޮލިޓެކްނިކްގައި ކިޔަވަމުންދިޔަ ދަރިވަރުންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ރައީސް ވަނީ ޕޮލިޓެކްނިކްގައި އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްއަކީ ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން ޒުވާނުން ތަމްރީން ކުރުމަށް އެކި ކޯސްތައް ހިންގަމުން އަންނަ ތަނެކެވެ. މިގޮތުން އެތަނުން އަންނަނީ ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިޕްލޮމާ ފެންވަރުގެ ކޯސްތައްވެސް ހިންގަމުންނެވެ. މީގެ ތެރޭގައި އިލެކްޓިރިޝިއަނުން ތަމްރީން ކުރުމާއި އައިޓީގެ ކޯސްތަކާއި ވަޑާމުގެ މަސައްކަތްތަކާއި އޮފީސް އެޑްމިނިސްޓްރޭޝަންގެ ކޯސްތައް ހިމެނެއެވެ.
President @ibusolih tours Maldives Polytechnic premises and enquires about the course programmes conducted at the facility pic.twitter.com/BwJ1tfKJqm
— The President's Office (@presidencymv) November 14, 2021
ޕޮލިޓެކްނިކްއިން 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކުރިއަށްގެންދިޔަ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލް 2 އިން ފެށިގެން ޑިޕްލޮމާ ލެވެލްގެ 15 ޕްރޮގްރާމްއެއް ކުރިއަށް ގެންގޮސްފައެއެވެ. މީގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން ސެޓްފިކެޓް ލެވެލްގެ 2 ޕްރޮގްރާމެއް އަންނަނީ ހިންގަމުންނެވެ. މީގެ އިތުރަށް އަތޮޅުތަކަށް ޚާއްސަކޮށްގެން 12 ރަށެއްގައި 32 ޕްރޮގްރާމެއް އަންނަނީ ހިންގަމުންނެވެ. މިގޮތުން މިހާތަނަށް 574 ދަރިވަރުން ވަނީ ތަމްރީންކޮށްފައެވެ. މިގޮތުން 2019 ވަނަ އަހަރު ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިޕްލޮމާއަށް 238 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި 2020 ވަނަ އަހަރު 195 ދަރިވަރުން ބައިވެރިވެފައިވާއިރު މިއަހަރުގެ މިހާތަނަށް 141 ދަރިވަރުން އަންނަނީ ތަފާތު ޕްރޮގްރާމްތަކުގައި ބައިވެރިވެ ކިޔަވަމުންނެވެ.
ޕްލިޓެކްނިކްއިން ފޯރުކޮށްދޭ ޚިދުމަތް ފުޅާކުރުމަށްޓަކައި ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން މާލޭގެ އިތުރަށް ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ކޯސްތައް ހިންގުމަށްޓަކައި އަތޮޅުތެރެއަށް އެ ޚިދުމަތް އަންނަނީ ފުޅާކުރަމުންނެވެ.