ކުޅިވަރު

ފަރަމަންތާ ޗެލެންޖުގެ ސާފިންގް އާއި ބޮޑީބޯޑިންގެ އިވެންޓުތައް ފަށައިފި


ބާ2000 ފަރަމަންތާ ޗެލެންޖް ސާފިންގްއާއި ބޮޑީބޯޑިންގެ އިވެންޓުތައް ފަށައިފިއެވެ. ކޯވިޑް-19އާ ގުޅިގެން ބާ2000 ފަރަމަންތާ ޗެލެންޖް އިވެންޓްތައް ފަސްކުރި ނަމަވެސް މިހާރުވަނީ ސްވިމިންގް އިވެންޓްތައް ކުރިއަށް ގެންގޮސް ނިންމާލާފައެވެ. އޯޕަން ވޯޓަރ ސްވިމިންގެ އިވެންޓްތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހަފްތާގެ ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހުއެވެ. ސްވިމިންގް އިވެންޓްތައް ފަށްޓަވައިދެއްވީ ރައީސުލް ޖުމްހުރިއްޔާގެ އަނބިކަބަލުން ފަޒްނާ އަޙުމަދެވެ. ބާ2000 ފަރަމަންތާ ޗެލެންޖްގެ އިވެންޓްތައް މިދިޔަ އަހަރު ކުރިއަށް ގެންދަން މަސައްކަތް ކުރިނަމަވެސް، އިވެންޓްތައް ފަސްކުރަން ޖެހުނީ ކޯވިޑް-19އާއި ގުޅިގެން މުބާރާތް ބޭއްވޭނެ މާހައުލެއް ނެތުމުންނެވެ.

ބާ2000 ފަރަމަންތާ ޗެލެންޖް ސާފިންގް އާއި ބޮޑީބޯޑިންގެ އިވެންޓް މިހާރު ފަށާފައިވަނީ މިއިވެންޓްތައް ކުރިއަށްދަނީ މާލޭ ރާޅުގަނޑު ސަރަހައްދުގައެވެ. މިއިވެންޓްތައް މިމަހުގެ 15ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. ސާފިންނާއި ބޮޑީބޯޑިންގައި ހިމެނޭ ކެޓެގަރީތަކަކީ ޖޫނިއާ ބައިގެ އިތުރުން އޯޕަން ބައެވެ. މިއީ ރާއްޖޭގައި މިގޮތަށް ކުރިއަށްގެންދާ އެންމެ ބޮޑު އިވެންޓްކަން ފާހަގަކޮށްލެވެއެވެ. އެންމެ ފަހުން ކުރިއށްދިޔަ ސްވިމިންގް އިވެންޓްގައިވެސްވަނީ ވަރަށް ގިނަ އަދަދެއްގެ ފެތުންތެރިން ބައިވެރިވެފައެވެ.

ބާ2000 ފަރަމަންތާ ޗެލެންޖަކީ ރާއްޖޭގެ މޫދު ކުޅިވަރު ކުރިއެރުވުމަށް ކުރިއަށްގެންދާ ބޮޑު އިވެންޓެކެވެ.