ޚަބަރު

"ތަރައްޤީ ހާސިލުކުރުމަށް ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަންޖެހޭ"


  • ޕާޓީއަކީ ޖޯޝުހުރި ޕާޓީއެއްކަމަށް ވިދާޅުވި

  • ޕީއެންސީއަކީ އެންމެ ބޮޑު ސިޔާސީ ޕާޓީކަންވެސް ފާހަގަކުރެއްވި

ދިވެހިރައްޔިތުން ބޭނުންވާ އަމާންކަމާއި ފާގަތިކަން ގެނެވޭނީ ޕީއެންސީ ދެވަނަ ދައުރަކަށް ހޮވައިގެންކަމަށާއި، ކޮންގްރެސް ޕާޓީ، ޕީއެންސީގެ އަމާޒަކަށް ވާންވީ 2028ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުންކަމަށް ޕީއެންސީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް އިފްތިތާޙީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒަކީ، ޤައުމިއްޔަތު އިސްކުރައްވާ ރައްޔިތުންނަށް އަމާނާތްތެރި ލީޑަރެއްކަމަށެވެ. އަދި އެ މަނިކުފާނާއި، ޕީއެންސީއަކީ ޤައުމާއި ރައްޔިތުން އިސްކުރާ، ޤައުމީ ޖޯޝުހުރި ޕާޓީއެއްކަމަށް ވިދާޅުވިއެވެ.

އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަކީ ޕީއެންސީގެ ހަގީގީ މަސައްކަތް ފެށުންކަމަށް ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީން އަމާޒުހިފަންވީ، 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ހިމޭންކަމާއި އަމާންކަން ގެނެވޭނީ ޕީއެންސީ ދެވަނަ ދައުރަކަށް ވެރިކަމަށް އައިސްގެންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތް އަދި ކިރިޔާ ފެށުނީ. އަޅުގަނޑުމެން އަމާޒުހިފާންވީ 2023ގެ އިންތިޚާބު ކާމިޔާބުކުރި ގޮތަށް ވުރެ ފަސޭހައިން 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީއެންސީއަށް ކާމިޔާބުކޮށްދޭން. ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުން ގުޅިފައިވަނީ ކޮންގްރެސް ޕާޓީއާ ދިވެހިންގެ ކަންކަން ނިންމަނީ ދިވެހިންކަމަށް ހެދުމަށާ، ދިވެހިން ފުދުންތެރިކުރުމަށް ފިތުނަވެރިކަމާ އަނިޔާވެރިކަމަށް ޖާގައެއް ނޯންނާނެ" ޕީއެންސީގެ ޗެއަރޕަރސަން ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، 2019ވަނަ އަހަރުގެ އެޕްރިލްމަހު، އެ ޕާޓީގެ ފުރަތަމަ ކޮންގްރެސް ބޭއްވިއިރު، ޕީއެންސީގައި ކިރިޔާ 3000 މީހުން ހަމަވަނީކަމަށެވެ. ނަމަވެސް މިހާރު އެ ޕާޓީގެ ދެވަނަ ކޮންގްރެސް ބާއްވާއިރު، ޕާޓީގެ މެމްބަރުންގެ އަދަދު 80،000އަށް އަރަން ކައިރިވެފައިވުމަކީ ވަރަށް ބޮޑު ކާމިޔާބެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ޕާޓީއަށް އާއްމު މެމްބަރުން ވަންނަނީ އެ ޕާޓީއަކީ ދިރިހުރި ޖޯޝު ހުރި ޕާޓީއަކަށް ވުމުންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ޕާޓީން އަބަދުވެސް އިސްކުރާނީ ދިވެހިންގެ މިނިވަންކަމާ، ދިވެހިންގެ އަސްލުކަމަށާއި، ޕާޓީގެ ޝިއާރަކީވެސް އެންމެ ފުރަތަމަ ޤައުމުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ މެމްބަރުން ޕާޓީއާއި ގުޅުނީ ކީއްވެތޯ ވިސްނާލަންވީ. ޝައްކެއް ނެތް ބައިވަރު ސަބަބުތައް. އެންމެ ވަރުގަދަ ސަބަބަކީ އަޅުގަނޑުމެން އިސްކުރަނީ ދިވެހިންނާއި ދިވެހި ޤައުމުކަމަށްވާތީ." ޕީއެންސީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ

ޕީއެންސީގެ ޕީޖީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާޢިރާގެ މެމްބަރު، އިބްރާހިމް ފަލާހު ވިދާޅުވީ ޕީއެންސީން މިހާރު ބާއްވާ ކޮންގްރެސްއަކީ ރާއްޖޭގެ ތާރީޚުގައި ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށި ފަހުން، ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ކޮންފަރެންސްކަމަށެވެ. އެ ކޮންފަރެންސަކީ އެންމެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސްކަމަށްވެސް ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ ވެރިކަމަށް އައުމަށްފަހު ހޭދަވީ މުއްދަތުގައި އެ ޕާޓީގެ މެމްބަރުންގެ އަދަދު 79364 މެމްބަރުންނަށް އަރާކަމަށާއި، މި ކޮންގްރެސް ނިމޭއިރު 80،000އަށް ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުވާނެކަމަށް ބެލެވޭކަމަށެވެ.

"ސިޔާސީ ޕާޓީތަކަށް މީހުން ވަންނަނީ ޕާޓީގެ ލީޑަރުންނާއި، ލީޑަރޝިޕަށް ބެލުމަށްފަހު. ސިޔާސީ ޕާޓީތައް އުފެދުނީ ރާއްޖެއަށް ހަމަޖެހުމާއި މަންފާ ހޯދާދިނުމަށް." ޕީއެންސީގެ ޕީޖީ ލީޑަރ ފަލާހު ވިދާޅުވިއެވެ.

ކޮންގްރެސް ޕާޓީގެ މަތަލީ މަޖިލީހުގައި 1300އެއްހާ މެމްބަރުން ބައިވެރިވާކަމަށް އެ ޕާޓީން ބުނެއެވެ. ޕީއެންސީންވަނީ އެ ޕާޓީގެ އަސާސީ ޤަވާއިދަށް އިސްލާހު ގެނެސްފައެވެ. 1000އަށް ވުރެ ގިނަ މެމްބަރުންގެ ވޯޓާއެކު ޕާޓީގެ އަސާސީ ޤަވާއިދަށް ގެނައި މި އިސްލާޙުތަކަކީ އެންމެ ގިނަ މެމްބަރުންގެ ވޯޓާއެކު، ސިޔާސި ޕާޓީއެއްގެ އަސާސީ ޤަވާއިދަށް ގެނައި އިސްލާހުތަކެވެ.