ޚަބަރު

ސަރުކާރުގެ ވިސްނުންތެރި އިޤްތިޞާދީ ސިޔާސަތުގެ ނަތީޖާ ފެންނަން ފަށައިފި


ދުނިޔޭގެ އެންމެބޮޑު އެއް ކްރެޑިޓް ރޭޓިންގ އޭޖެންސީ، "ފިޗް ރޭޓިންގ"އިން ރާއްޖޭގެ ޑިފޯލްޓް ރޭޓިން "ސީސީސީ" އިން "ބީ މައިނަސް"އަށް މަތިކޮށްފިއެވެ.

ރާއްޖޭގެ ރޭޓިން މަތިކޮށްފައިވަނީ ކޯވިޑަށްފަހު ފަތުރުވެރިކަމުގެ ސިނާއަތު ރަނގަޅުވާނެކަމަށް ކުރިން ލަފާކުރި މިންވަރަށްވުރެ އަވަހަށް ކުރިއަރައި، ރަނގަޅު ކުރިއެރުމެއް ލިބިފައިވާތީއެވެ.

ފިޗުން ރާއްޖެއަށް އެންމެފަހުން ރޭޓިންގ ދީފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އޭރު "ބީ މައިނަސް"އިން "ސީސީސީ" އަށް ރާއްޖޭގެ ރޭޓިން ދަށްކުރީ ދަރަނި ނުދެއްކޭ ވަރަށް ރާއްޖޭގެ މާލީ ހާލަތު ގޯސްކަމަށް ލަފާކުރުމަށްފަހުއެވެ.

ފިޗުން ބުނީ މި އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު ކޯވިޑްގެ ޕެންޑަމިކްގެ ކުރިން ހުރި މިންވަރުގެ 70 އިންސައްތައާ ގާތްކުރާ އަދަދަކަށް ކުރިއަރާފައިވާކަމަށެވެ. އަދި 2022 ވަނަ އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު، ޕެންޑަމިކްގެ ކުރިންހުރި މިންވަރުގެ 80 އިންސައްތައަށް މައްޗަށްގޮސް، 2023 ވަނަ އަހަރު 100 އިންސައްތައާ ގާތްކުރާ އަދަދަކަށް ބަދަލުވެ މަޑުމަޑުން އާންމު ހާލަތަކަށް އަންނާނެކަމަށް ފިޗުންވަނީ ލަފާކޮށްފައެވެ.

ފިޗުން ލަފާކުރާ ގޮތުގައި މި އަހަރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް 29.4 އިންސައްތައަށް ކުރިއަރައި، އަދި އަންނަ އަހަރު އެމިންވަރު 10،0 އިންސައްތަ ކުރިއަރާނެއެވެ.

ފިޗުން ބުނާގޮތުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ކުރިއަށްޖެހުމުގައި، ލަފާކުރެވުނު ވަރަށްވުރެ އަވަހަށް އަދި ބޮޑަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރައިގެން ދިއުން ހިމެނެއެވެ.

ފިޗްއިން ބުނާގޮތުން ރާއްޖެއިން ވިއްކި ސުކޫކާއެކު ބޭރުގެ ދަރަނި ދެއްކުމަށްހުރި ހިރާސްތައްވެސް ކުޑަކުރެވިފައިވާކަމަށެވެ. ނަމަވެސް އަދިވެސް ބޭރު ފައިސާ ހޯދުމުގައި ދަތިތަކެއް ހުރިކަން ފިޗުން ފާހަގަކުރިއެވެ. ފިޗުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އެއަަރޕޯޓުގެ އައު ޓަރމިނަލް ހުޅުވި، އިތުރު ރިސޯޓްތައް ހުޅުވިގެންދިއުމުން ރާއްޖޭގެ އިގްތިޞާދު އިތުރަށް ކުރިއަރައިގެންދާނެއެވެ.

ފިޗްގެ ރޭޓިންއާ ގުޅިގެން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ރާއްޖެއިން އެ ރޭޓިންއަށް މަރުހަބާ ކިޔާކަމަށް ވިދާޅުވެފައެވެ. ދިވެހި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެނީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ޓޫރިޒަމް ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ އިތުރުން އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިކޮށްދޭ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އިންވެސްޓްކުރުމުގެ މައްޗަށްކަމަށް އަމީރު ވިދާޅުވިއެވެ.

"ފިޗް ރޭޓިންގ"އިން ރާއްޖޭގެ ޑިފޯލްޓް ރޭޓިން "ސީސީސީ" އިން "ބީ މައިނަސް"އަށް މަތިކޮށްފައިވާއިރު، ފިޗްއަކީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އިތުބާރު ހިފޭ އެއް ކްރެޑިޓް ރޭޓިންގ އެޖެންސީއެވެ.