ޚަބަރު

ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުން ބަދަހިކުރަން ތުރުކީއާއެކު މަޝްވަރާކޮށްފި


  • ވަފުދުގެ އިސް ބޭފުޅަކީ އޭކޭ ޕާޓީގެ ޑެޕިއުޓީ ޗެއަރމަން ޙުސައިން ޔައިމާން

  • ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ދިވެހިރާއްޖެ އާއި ތުރުކީވިލާތާ ދެމެދު އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާއި ތުރުކީވިލާތުގެ އަދާލަތު ވޭ ކަލްކިންމާ ޕާޓީ، އޭކޭ ޕާޓީން މަޝްވަރާކުރައްވައިފިއެވެ.

އަދާލަތު ވޭ ކަލްކިންމާ ޕާޓީ، އޭކޭ ޕާޓީގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ބައްދަލުކުރައްވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިބައްދަލުކުރެއްވުން އޮތީ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގައެވެ. މި ބައްދަލުކުރެއްވުމުގައި ހިމެނޭ ވަފުދުގެ އިސް ބޭފުޅަކީ އޭކޭ ޕާޓީގެ ޑެޕިއުޓީ ޗެއާމަން ޙުސައިން ޔައިމާނެވެ.

މިބައްދަލުކުރެއްވުމުގައި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި ސަގާފީ ގޮތުން ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކުރެއްވުމުގެ ޔަޤީންކަން ދެފަރާތުންވެސް ދެއްވާފައިވެއެވެ.