ޚަބަރު

އެޗްއާރުސީއެމްގެ ރައީސްކަމަށް މުނާ އައްޔަން ކުރަން ކޮމިޓީން ފާސްކޮށްފި


ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމަށް މަރިޔަމް މުނާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފާސްކޮށްފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްއާއި، ނާއިބް ރައީސް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާ ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ނަންފުޅުތައް ފޮނުއްވި ގޮތަށް ކޮމިޓީން ފާސްކޮށްފައިވަނީ ބައިވެރިވި ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެޗްއާރުސީއެމްގެ ރައީސްކަމުގެ މަޤާމަށާއި، ނާއިބް ރައީސްކަމަށް އައްޔަން ކުރަން ކޮމިޓީން ފާސްކުރި ދެބޭފުޅުންނާއި އިންޓައުވިއު ކޮށްފައިނުވެއެވެ. އިންޓަރވިއު ނުކުރީ، އެދެބޭފުޅުންނަކީވެސް ވަރަށް ފަހުން ކޮމިޝަނަށް އައްޔަން ކުރުމަށް ކޮމިޓީން އިންޓަރވިއުކޮށް، އެދެބޭފުޅުންގެ ހުރިހާ މައުލޫމާތެއް ހުރި ބޭފުޅުންނަށް ވުމުންނެވެ.

އެޗްއާރުސީއެމްގެ ރައީސްކަމަށް އައްޔަން ކުރުމަށް ކޮމިޓީން ފާސްކޮށްފައިވާ މުނާ އެކޮމިޝަނަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މުނާ ވަނީ 2012 އޯގަސްޓް އިން 2014 އޮގަސްޓް 26 އާއި ހަމައަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރ އޮޕަރޭޝަންސްގެ މަޤާމު އަދާކުރައްވާފައެވެ. އަދި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަންވެސް އޭނާ އަދާކުރައްވާފައިވެއެވެ. މުނާއަކީ، އޮސްޓްރޭލިއާގެ އެޑިތް ކޮވާން ޔުނިވަރސިޓީގެ މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ ކަނބަލެކެވެ. މީގެ އިތުރުން މުނާ ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ޑިޕްލޮމާ އިން މެނޭޖްމެންޓް ވެސް ހާސިލް ކުރައްވައިފައެވެ.

ކޮމިޝަންގެ ނާއިބް ރައީސްކަމަށް އައްޔަން ކުރުމަށްކޮމިޓީން ފާސްކޮށްފައިވާ ޑރ.އަދުހަމް އެޗްއާރުސީއެމްގެ މެމްބަރަކަމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ، ޑޮކްޓަރޭޓް އޮފް ފިލޯސޮފީ އިން ލޯ، ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. ޑޮކްޓަރ އަޙްމަދު އަދުހަމްވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުން އަޙްމަދު އަދުހަމަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.