ޚަބަރު

ކުދި ވިޔަފާރީގެ ތެރެއަށް އެސްޓީއޯއިން ވަނުމަކީ އެވިޔަފާރިތައް "މަރާލުން"ފަދަކަމެއް: ޔަޢުޤޫބު


ކުދި ވިޔަފާރިތަކުގެ ތެރެއަށް އެސްޓީއޯ ނުވަދެ އެކުންފުނީގެ އަމާޒު ބަދަލުކުރަންޖެހޭ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހަށް މަޖިލީހުގައި މިއަދު ވާހަަ ދައްކަވަމުންނެވެ.

ޔަޢުޤޫބު ވިދާޅުވީ، އަމިއްލަ ވިޔަފާރިތައް ކުރިއަށް ދިއުމުގައި ދިމާވާ އެއް ދައްޗަކީ އިދާރީ ދަތި ކަމަށާއި، އަނެއް ދައްޗަކީ، ވިޔަފާރީގެ ވާދަވެރިކަމުގެ ތެރެއިން ކުރިއަރައިގެން ދިއުމަށް ދިމާވާ ދަތިތައްކަމަށެވެ. ޔަޢުޤޫބު ވިދާޅުވީ، ކުދި ވިޔަފާރިތަކަކީ ކޮންމެ ޤައުމެއްގެވެސް އިޤްތިޞާދު ހިފަހައްޓާ ތަނބުކަމަށެވެ. ޚާއްޞަކޮށް ރާއްޖެފަދަ ކުޑަ ޤައުމެއްގައި ކުދި ވިޔަފާރިތަކަކީ އެތައް އާއިލާއަކަށް ފަސޭހައާއި ވިޔަފާރީގެ ނަފާ ލިބިގެންދާ ކަންކަންކަމަށް އޭނާ ވިދާޅުވިއެވެ.

ޔަޢުޤޫބު ވިދާޅުވީ ކުދި ވިޔަފާރިތަކުގެ ތެރެއަށް މިސަރުކާރުން ނުވަންނާނެކަމުގެ ވަޢުދު ސަރުކާރުގެ މެނިފެސްޓޯގައި އޮތްކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެން ފާޑުކީން ކުރީ ސަރުކާރުގައި އެސްޓީއޯއިން އެކިއެކި ރަށްރަށުގައި ބޭސްފިހާރަ ހުޅުވީމަ. އެކަމާ އަޅުގަނޑުމެން ފާޑުކީން. ޢާންމުކޮށް ގިނަ ރަށްރަށުގައި، ޚާއްޞަކޮށް ހޮސްޕިޓަލްތައް ހުންނަ ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ދަނީ ބޭސްފިހާރަތައް ހުޅުވައި ބޭސްފިހާރައިގެ ވިޔަފާރިތައް ކުރަމުން. ނަމަވެސް އެސްޓީއޯގެ ސިޔާސަތަކަށްވީ އެރަށްރަށާއި އެހެނިހެން ރަށްރަށުގައިވެސް ބޭސްފިހާރަ ހުޅުވައިގެން އެ މާކެޓަށްވެސް ހަމަ ވާދަވެރިކަމާއެކު ވަދެގެން ވިޔަފާރިކުރަން." މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވިއެވެ.

ޔަޢުޤޫބު ވިދާޅުވީ، މުޅި ރާއްޖެއަށް ބޭސް ސަޕްލައި ކޮށްދެނީ އެސްޓީއޯއިންކަމަށާއި، ބޭހުގެ ވިޔަފާރިކުރާ އަމިއްލަ ފަރާތްތަކަށްވެސް ބޭސް ސަޕްލައިކޮށްދެނީ އެސްޓީއޯއިންކަމަށެވެ. ނަމަވެސް އާޚިރުގައި އެ ވިޔަފާރިތަކާއި ވާދަކުރަނީވެސް އެސްޓީއޯއިން ކަމަށް ޔަޢުޤޫބު ވިދާޅުވިއެވެ. މިއީ ކުދި ވިޔަފާރިތައް އެއްކޮށް ހަލާކުކޮށްލުމަށް ކުރީ ސަރުކާރުން ކުރިކަމެއްގެ ގޮތުގައި ޔަޢުޤޫބު ސިފަކުރެއްވިއެވެ. ޔަޢުގޫބު ވިދާޅުވީ އެސްޓީއޯފަދަ ބޮޑެތި ވިފަރާތިތަކުން ކުދި ވިޔަފާރިތަކަށް ވަނުން ރަނގަޅު ނޫންކަަމަށެވެ.

"މިސާލަކަށް މިރާއްޖޭގައި އެއްވެސް ރަށެއް ނެތް ސަރުކާރުގެ ބިޔަ ބޮޑު މަޝްރޫޢެއް ނުހިނގާ. ޚާއްޞަކޮށް އެމްޓީސީސީފަދަ ބޮޑު ވިޔަފާރިއެއްގެ މަސައްކަތެއް ނުހިނގާ އެއްވެސް ރަށެއްނެތް. މިތަންތަނަށް ބޭނުންވާ ދެތިންހާސް ލީޓަރުގެ ތެޔޮކޮޅުވެސް ސަޕްލައި ކޮށްދެނީ އެފްއެސްއެމް، ފިއުލް ސަަޕްލައި މޯލްޑިވްސްއިން. މިއީ ހަމަ ދެންމެ އަޅުގަނޑު ދެއްކި ފަދަ ގޮތަށް ކުރަމުންދާކަމެއް." މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވިއެވެ.

ޔަޢުޤޫބު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ހުރިހާ ތެލެއްކަހަލަ ގޮތަކަށް އެތެރެކޮށް ވިއްކަނީ އެސްޓީއޯއިންކަމަށެވެ. ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ތެޔޮ ފޯރުކޮށްދެނީވެސް އެސްޓީއޯއިންކަމަށާއި، އެ ކުދި ވިޔަފާރިތަކާއި ވާދަކުރަނީވެސް ހަމަ އެކުންފުނިންކަމަށް ޔަޢުޤޫބު ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެފްއެސްއެމް އަކީ ރީޓެއިލް ވިޔަފާރީގެ ތެރެއަށް ވަންނަންޖެހޭ ބައެއްނޫން. އޭގެ ބަދަލުގައި ހޯލްސޭލް ނުވަތަ އޭގެ ބަދަލުގައި އެފްއެސްއެމް އުވާލާފައި އެބަޖެހޭ އެސްޓީއޯގެ ޑިޕާޓްމަންޓަކަށް ނުވަތަ އެސްޓީއޯގެ ތެރެއަށް އެތަން ވަދެގެން އެސްޓީއޯ މުޅިން އަމާޒު ބަދަލުކޮށް އަޅުގަނޑުމެން ވީ ވަޢުދާއި އެއްގޮތަށް އެތާގެ ވިޔަފާރި ކުރިއަށްދާން." ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވިއެވެ.

އާދައިގެ ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަދެގެން ކުދި ވިޔަފާރިތައް "މަރާލެވޭފަދަ" ގޮތަކަށް ރާއްޖޭގެ އިޤްތިޞާދު ހުރެއްޖެނަމަ އެއީ މުޅި ޤައުމުގެ އިޤްތިޞާދަށް ލިބޭ ގެއްލުމެއްގެ ގޮތުގައިވެސް ޔަޢުޤޫބު ސިފަކުރެއްވިއެވެ.

އެހެންކަމުން ކުދި ވިޔަފާރިތައް ކުރިއަރުވަން އިޞްލާހުކުރަންވީ އަހަމައެކަނި އިދާރީ މިންގަނޑު ނޫންކަމަށާއި، ވިޔަފާރީގައި ބޭނުންކުރާ އުކުޅުތަކަށްވެސް ބަދަލު ގެންނަންޖެހޭ ކަމަށް ޔަޢުޤޫބު ވިދާޅުވިއެވެ. ޔަޢުޤޫބު ވިދާޅުވީ ސަރުކާރުގެ ފަރާތުން އެފަދަ އިޞްލާހީ މަސައްކަތްތަކެއް ފަށައިގެން ކުރިއަށްދާކަމަށެވެ.